ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސޮއި ނުކުރައްވާ ކަމަށް އެނގިއްޖެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޖޭޕީގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ މިއަދުވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ވާތީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ސޮއި ނުކުރައްވާނެ ކަމަށެވެ.
އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސޮއި ކުރެއްވީ ކޮން ހައިސިއްޔަތަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އަލީ ސޮއި ކުރެއްވިނަމަ ސޮއި ކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
"ޖޭޕީގެ ކައުންސިލަކުވެސް އަދި ޖޭޕީގެ ޕީޖީ ގުރޫޕަކުވެސް މިހާތަނަށް އެއްވެސް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޝްވަރާކޮށްފައެއް ނެތް. އެފަދަ މަޝްވަރާއެއް، ކައުންސިލްގެ އެފަދަ ނިންމުމެއް ނެތި ލީޑަރު ގާސިމް ސަރުކާރާ ދެކޮޅު އެފަދަ ކަމެއްގައި ސޮއި ނުކުރައްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފަ އެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި ސަބަބާ ގުޅޭގޮތުން ޖޭޕީގެ އޮފިޝަލް ވިދާޅުވީ ރާއްޖެއާއި މޮރިޝަސް ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދު ބެހިގެން ދިޔަ ގޮތުން ޕާޓީގެ ބޭފުޅުންގެ މެދުގައި ތަފާތު ވިސްނުންތައް އެބަހުރި ކަމަށެވެ. ނަމަވެސް މިމައްސަލަގައިވެސް ޖޭޕީގެ ކައުންސިލްގައި އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނެތް ކަމުގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.