ފިނިޕޭޖް

މިހިތާ ގުޅެން ބޭނުންނުވާ ހިތެއް ނެތް!

  • ބޮޑުބެރު ބެޓްލްއެއްގައި މަންޑޭ ބަލިކޮށްލެވިދާނެ
  • މިހާ ހިކީ ލޯބި ނުލިބޭތީ ކަމަށް ބުނޭ
  • ހަގީގީ ލޯބިވެވޭ ވަރަށް ވުރެ އަދި މާ ކުޑަ

ދިވެހި ލަވައިގެ ދުނިޔޭގައި މިއަދު އެންމެ ގަދަ އަޑަކީ ބޮޑުބެރުގެ އެކި ހަރުބީތަކުގެ އަޑެވެ. މި ފޯރިއެއް އަރައި، ވަޖިދުވަދެގެން ގޮސް އެހެން ހުރިހާ މިއުޒިކެއް މަރާލައިފި ކަހަލަ އެވެ. އެއަށް ފަހު ބޮޑުބެރުގެ ސްޓޭޖަށް ބަލައިލާއިރު މި ފެންނަނީ މީގެ ކުރިން މި ރާއްޖެ ދެކެފައިނުވާ ޖޯޝަކާއި ފޯރިއެއްގައި ބެރު ޖަހަމުން ލަވަކިޔަމުން ގެންދާ ޒުވާނުންގެ ގްރޫޕްތަކެކެވެ. އެމީހުންގެ ތެރޭގައި ސްޓާރުން ވެސް އެބަތިއްބެވެ.

އުމުރުން އެންމެ 20 އަހަރުގައި ބޮޑުބެރުގެ މިއަދުގެ ސީލިންގަށް އެރޭނީ ވަރަށް ވެސް ބޮޑު ހުނަރުވެރިއަކަށްވެގެންނެވެ. ދިވެހިންގެ ބޮޑުބެރަށް އިންގިލާބެއް ގެނައި ޒަމާނީ ބޮޑުބެރުގެ ދިވެހި ސުޕަސްޓާރަކަށް ހަބޭސް ބޮޑުބެރުގެ ޒުވާން ވޯކަލިސްޓް ހަސަން މުސްފަހު ވެފައިވަނީ މި ސަބަބާ ހެދި އެވެ.

އޭނާ ކުރިއަރައިގެންގޮސްފައި ވަނީ ހަމައެކަނި ލަވަކިޔުމަކުންނެއް ނޫނެވެ. ބެރު ޖަހައި އެ ބެރުގެ ހަރުބީއާ އެއްވަރަކަށް ފައި ހަމަކޮށް މީހުން އާޝޯހުވެގެން ވެއްޓޭވަރަށް ނަށައިގެން ވެސްމެ އެވެ.

ބޮޑުބެރުގެ މި ތަރި މި ވަނީ ވަރަށް އުސްމިނަކަށް އަރައިގެން ގޮސްފަ އެވެ. ދެން އޮތީ އޭނާގެ ދަރަޖަ ލެޖެންޑަކަށް ބަދަލުވުމުގެ މަރުހަލާ އެވެ. އެހިސާބަށް ދިއުމުގެ ކުރިން "އަވަސް ވީކެންޑް" އިން މި ގެނެސްދެނީ މި ހުނަރުވެރިޔާގެ އާދަޔާހިލާފު ކެރިއަރާއި ޒާތީ ހަޔާތުގެ އުސް އަލިތަކެކެވެ.

ސ. ދެން ދީބަލަ މި ދުވަސްކޮޅު މިއުޒިކްގެ ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ހަބޭސް ބޮޑުބެރު ގްރޫޕާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓެއް؟ ފޭނުންނަށް އެއްވެސް ކަހަލަ ސަޕްރައިޒެއް އެބައޮތްތަ؟

ޖ. "މިހާރު ވެސް ހަބޭސްގެ ޕޮޕް ބޭންޑުން ދަނީ އާ ލަވައެއް ނެރުމުގެ މަސައްކަތްކުރަމުން. ނަމަކަށް ލޯބި ކިޔާ ލަވައެއް، އެ ލަވައިގެ ވީޑިއޯއާ ވެސް އެކުގައި ނެރޭނީ. ފެބްރުއަރީ 14 ގައިހެން ހީވަނީ އެ ލަވަ ނެރޭނީ. އެއަށް ފަހު ފެބްރުއަރީ 19 ގައި ކާނިވަލުގައި އޮތް ޝޯއަކަށް ބޮޑުބެރު ގްރޫޕް ޒތައްޔާރުވަމުން ދަނީ."

ސ. މުސީ ކިހިނެތްތަ ބޮޑުބެރު ލަވަކިޔުންތެރިޔަކަށް ބަދަލުވީ؟ ބޮޑުބެރަށް ފައިން ޓިއުންވި ގޮތް ވެސް ކިޔައިދީބަލަ؟

ޖ. "ޓީވީއެމްގެ ބޮޑުބެރު ޗެލެންޖުގެ ފުރަތަމަ އަހަރު އެ މުބާރާތުގައި ލަވަކީ ބޮޑުބެރު ގްރޫޕުތައް ފެނިގެން އެގޮތަށް ބޮޑުބެރަށް މިވަރުގެ ޝައުގުވެރިކަމެއް އުފެދުނީ. އެންމެ ފުރަތަމަ އަޅުގަނޑު އުޅުނީ ދަރުމަވަންތަ ބޮޑުބެރު ގްރޫޕްގައި. އެގޮތަށް އުޅެއުޅެފައި އެންމެފަހުން ހަބޭސްއާ ޖޮއިންކުރީ."

ސ. ގަބޫލުކުރަންތަ ބޮޑުބެރަށް ލަވަކިޔާހާ މޮޅަށް ނުވަތަ އެ ފެންވަރަށް މުސީ އަށް ޕޮޕިއުލާ ޖޮންރާގެ ލަވަ ވެސް ކިޔޭ ކަމަށް؟

ޖ. "ހުރިހާ ވައްތަރެއްގެ ލަވައެއް ވެސް ކިޔޭނެ. ކިޔާނަން ހުރިހާ ކަހަލަ ލަވައެއް ވެސް. އެކަމަކު މޮޅު ދެރަ ކަނޑައަޅަން އެނގޭނީ ބެލުންތެރިންނަށް. ސީދާ ބޮޑުބެރު ލަވަކިޔާ ފެންވަރަކަށް ހުރިހާ ވައްތަރެއްގެ ލަވައެއް ނުކިއިދާނެ. އެކަމަކު އަޅުގަނޑު ކިޔަން ދިވެހި އެހެން ކަހަލަ ލަވަތަކާއި ހިންދީ ލަވަ އާއި އިނގިރޭސި ލަވަވެސް. އެހުންތެރިން ނިންމާ ގޮތެއް އޭގައި ދެން އޮންނާނީ."

ސ. ކީއްވެގެންތަ ބޮޑުބެރު ނޫން ވައްތަރެއްގެ ލަވަކިޔާ މީހަކަށް ހާއްސަނުވީ؟ ބޮޑުބެރަށް ލަވަކިޔުމުގެ ވަކި ސިއްރެއް އޮތީތަ ނުވަތަ އެހެން ވައްތަރުގެ ލަވަތައް ކިޔަން މުސީ އަށް އުނދަގުލީތަ؟

ޖ. "އަޅުގަނޑަށް ހީވަނީ މިހެން މިވީ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ލަވަކިޔުމުގެ ދާއިރާ އަށް ނުކުމެވުނީ ވެސް ބޮޑުބެރުލަވަކިޔާ މީހެއްގެ ގޮތުގައި ކަމަށްވާތީ. ބޮޑަށް ބޮޑުބެރު ލަވަކިޔާ ހިތްވަނީ އަދި. އެކަމަކު އެހެން ލަވަ ނުކިއުމެއް ނޫން. އުނދަގުލެއް ވެސް ނޫން ވަކި އަޅުގަނޑަކަށް އެހެން ވައްތަރެއްގެ ލަވަތަކެއް ކިޔާކަށް."

ސ. އެހަނދާނުގައި ސްޓާޒް އަކީ މުސީ ނިކަން ބޮޑަށް އާންމުންގެ ތެރޭގައި މަޝްހޫރުކޮށްލި ޝޯއެއް. އެ ޝޯގައި ހުށަހަޅައިދިން ލަވައިގެ ތަޖުރިބާ އަހަރެމެންނަށް ކިޔައިދީ ބަލަ؟

"އެ ހަނދާނުގައި ސްޓާޒްގައި ކީ ލަވަ އަކީ ދެ ހިތެއް ގުޅޭނޭ. ކޮންމެއަކަސް ވަރަށް ތަފާތު ތަޖުރިބާއެއް އެއީ."

ސ. ބޮޑުބެރު ލަވަކިޔުންތެރިން ރާއްޖޭގައި މިހާރު ވަރަށް ވެސް ގިނަ. މުސީ ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ބޮޑުބެރު ލަވަކިޔުންތެރިޔަކީ ކާކު؟ އަދި ބޮޑުބެރަށް އެންމެ މޮޅު ގްރޫޕަކީ ކޮބާ؟

ޖ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ލަވަކިޔުންތެރިޔަކީ މަންޑޭ (ހަރުބީ ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް މަމްދޫހު). ބުނެވޭނީ ހުރިހާ ބޮޑުބެރު ގްރޫޕްތަކަށް ބެލިޔަސް އެންމެ މޮޅީ މަންޑޭއޭ. އެކަމަކު އެންމެ މޮޅު ބޮޑުބެރު ގްރޫޕަކަށް ނަގާނީ ހަބޭސް."

ސ. މީހުން ބުނޭ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ބޮޑުބެރު ލަވަކިޔުންތެރިޔަކީ މުސީއޭ. ކޮބައިތަ މުސީގެ ހިޔާލަކީ؟ އަދި މީހުން އެހެން ބުނާ އަޑުއިވުނީމަ ކީކޭ ހިތަށް އަރަނީ؟

ޖ. "ވަރަށް އުފާވޭ އެހެން ބުނާތީ. އަޅުގަނޑާ ބައްދަލުވެގެން އަޅުގަނޑާ ދިމާލަށް ވެސް މީހުން ބުނޭ ވަރަށް މޮޅޭ. އެކަމަކު އަޅުގަނޑު ބުނަނީ އަޅުގަނޑަށް އަދި އަޅުގަނޑު އެހާ މޮޅެއް ނޫނޭ. ޓޮޕް އަކަށް އަދި ރީޗެއް ނުވެއޭ އަޅުގަނޑު އަދި ބޭނުންވާ ވަރަކަށް."

ސ. މުސީ ބޮޑުބެރަށް ޝައުގުވެރިވީ ހަބޭސްގެ ވާދަވެރި ހަރުބީ ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް މަންޑޭ ލަވަކިޔާ އަޑު އިވިގެން ކަމަށް ބުނެވޭ. މުސީގެ ކެރިއަރުގެ މަންޑޭ އަކީ ކިހާ މުހިންމު ފަންނާނެއްތަ؟ އޭނާގެ ނުފޫޒު މުސީގެ ކެރިއަރުގައި އޮތީ ކިހާ ވަރަކަށް؟

ޖ. "މަންޑޭމެންނަކީ މި ރާއްޖެ އަށް އިންގިލާބެއް ގެނައި ބައެއްތާ. ބޮޑުބެރު ޗެލެންޖުގައި އެމީހުން ދެއްކި ޕާފޯމެންސަތަކަކާ ގުޅިގެން ހަގީގަތުގައި ގިނަ މީހުން މިއަދު ބޮޑުބެރުޖަހާހިތްވީ ވެސް. ގެއްލިފައި އޮތް ކަމެއް އެމީހުން އަލުން ދިރުވީ. މި ސަބަބާ ހެދި އަޅުގަނޑުގެ އިންސްޕިރޭޝަނަކަށް މަންޑޭވިޔަސް މަންޑޭގެ ނުފޫޒެއް އަޅުގަނޑުގެ ލަވަކިޔުމުގައެއް އޮތެކޭ ނުބުނެވޭނެ. ވަކި މީހަކު ލަވަކިޔާ ގޮތަކަށް ލަވަކިޔަން ނުވަތަ ކޮޕީކުރާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން."

"އަޅުގަނޑު ދެކެނީ މަންޑޭ އަކީ ވަރަށް މޮޅު އަދި ބޮޑުބެރު އާލާކުރި މީހެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑު ބޭނުން މިކުރަނީ އަޅުގަނޑުގެ ވެސް އަމިއްލަ ގޮތެއް."

ސ. ހަބޭސް އާއި ހަރުބީ އަކީ ބޮޑުބެރުގައި އެންމެ ވާދަވެރި ދެ ގްރޫޕް. އަދި ދެ ގްރޫޕްގެ ލީޑް ވޯކަލިސްޓުންގެ ގޮތުގައި މަންޑޭ އާއި މުސީގެ ވާދަވެރިކަމެއް ވެސް އެބައޮތް. ޔަގީނަށް ވެސް ފޭނުންގެ މެދުގައި އެ ވާދަވެރިކަން ވަރަށް ބޮޑު. މުސީ ކިހިނެތް އެ ވާދަވެރިކަން ސިފަކުރާނީ؟

ޖ. "މަންޑޭއާ އަޅުގަނޑަކާ ނޯންނާނެ އެއްވެސް ޒާތީކަމެއް. މަގުމަތިން ފެނުނީމަ ގޮވާވެސް ލެވޭ. ގައިމު ވެސް އެގޮތަށް ފެނުނީމަ އަޅުގަނޑު ގޮވާލަން މަންޑޭ އަށް އާންމުކޮށް. ނޭނގެ ދެން މަންޑޭގެ ގޮތެއް. ދެން އަޅުގަނޑަށް ހީވަނީ ވާދަވެރިކަމެއް ދެ މީހުންގެ މެދުގައި އޮންނަ ނަމަ އެ ވާދަވެރިކަމެއް ފެންނާނީ ޝޯތަކުންހެން. އެގޮތަށް މަސައްކަތްކޮށްގެން އެ ވާދަވެރިކަން ފެންނާނީ. ޝޯޖަހަން ޖެހޭނީ. އޭރުންތާ މޮޅުވާނީ."

"ސަޕޯޓަރުން، ދެން އެކި މީހުންނަށް ކަމުދާނީ އެކި މީހުން ދޯ. މިސާލަކަށް މުސީ ކަމުދާނީ އެއް ބަޔަކަށް. މަންޑޭ ވެސް ކަމުދާނީ އެއްބަޔަކަށް. އެންމެންނަށް ސަޕޯޓެއް ނުކުރާނެދޯ އެއްވެސް މީހަކު."

ސ. މުސީ ގަބޫލުކުރަންތަ ތިޔައީ މަންޑޭއާ އަޅުވާ ކިޔޭ ފެންވަރުގެ ލަވަކިޔުންތެރިއެއް ކަމަށް؟

"އާދެ އަޅުގަނޑު ގަބޫލުކުރަން އެގޮތް ވެސް. އަޅުވާކިއިދާނެ. އެކަމަކު މި ދާއިރާގައި އަޅުގަނޑަށްވުރެ ތަޖުރިބާގެ ގޮތުން މަންޑޭ މާ ގިނަ ދުވަސްވެއްޖެ. އެކަމަކު އަޅުގަނޑު ވެސް މި ދަނީ ބޮޑު ފޭން ބޭސްއެއް ހޯދަމުން އިރާދަކުރެއްވީތީ. ވަކި ކުޑައެއް ނޫން އަޅުގަނޑުމެންގެ ފޭސްބޭސްވެސް. އެހެންވީމަ ވާދަކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވެނީ."

ސ. ބޮޑުބެރު ޗެލެންޖެއް ނުވަތަ ބެޓްލްއެއްގައި ލަވަކިޔައިގެން މަންޑޭ ބަލިކުރެވިދާނެހެން ހީވޭތަ؟

ޖ. "އަޅުގަނޑަށް ހީވޭ އެކަހަލަ ބެޓްލްއެއްގައި މުސީ ނުކުމެ މަންޑޭ ބަލިކޮށްލެވިދާނެހެން. މުސީ އަށް ހީވަނީ މުސީ މޮޅުވާނެހެން. ގައިމު ވެސް ވަރަށް މަސައްކަތްކުރާނަން."

ސ. މުސީ ތިއީ ވަރަށް ގަދަ އަށް ނަށާ ވެސް މީހެއް. ހާއްސަކޮށް ބޮޑުބެރަށް. މީހުން ބުނޭ ބޮޑުބެރުގެ ނެށުމަކީ އެހާ ފިރިހެންވަންތަ ނުވަތަ އެހާ އަހުލާގު ރަނގަޅު ނެށުމެއް ނޫނޭ؟ ކޮބައިތަ މުސީގެ ހިޔާލަކީ މިކަމުގައި؟

ސ. "އަޅުގަނޑަށް ހީވަނީ އަހުލާގު އިންނާނީ އެމީހަކު ބޭންދި ހިސާބެއްގަހެން އަބަދުވެސް ދޯ. އަހުލާގު ރަނގަޅުކުރުމާއި ނުބައިކުރުން އޮންނާނީ އެމީހެއްގެ އަތްމަތީގައި ނަށާއިރު ވެސް. އެއީ ކޮންޓްރޯލްގަ ބެހެެއްޓޭނެ ކަމެއް. މުސީ އަށް ބެހެއްޓޭ ހަމަގައިމުވެސް."

ސ. ބޮޑުބެރަށް ވެސް އެ ވަނީ ޒަމާނީ ބަދަލެއް ގެނެސްފައި. މުސީގެ ތިޔަ ނެށުމުގެ ކުޅަދާނަކަމާއި ހުނަރު ބޭނުންކޮށްގެން ހީވޭތަ ބޮޑުބެރުގެ ނެށުމަށް ޒަމާނީ ބަދަލެއް ގެނެވިދާނެ ކަމަށް؟ ކިހިނެތ ހެދީމަހެން ހީވަނީ ބޮޑުބެރުގެ ނެށުން މިހާރަށް ވުރެ ޒަމާނީކޮށްލެވޭނީ؟

ޖ. "ބޮޑުބެރުގައި މިހާރު ނަށަނީ އެކި މީހުން އެކިގޮތްގޮތަށް. މުސީއަކަށް ވެސް ނޭނގޭ އަސްލު ނެށުމަކީ ކޮބައިކަމެއް. ދެން އެންމެ ކުރީގެ ނެށުން ނަށާ މީހުން ނަށަނީ އެހެން. ޒަމާނީ ނެށުން ނަށާ މީހުން ނަށަނީ އެހެން ގޮތަކަށް. ދެން މުސީ ވެސް ނަށަނީ މުސީގެ އަމިއްލަ ގޮތަކަށް."

"ޒަމާން ބަދަލުވާވަރަކަށް ބަދަލުވާނެ ހުރިހާ ކަމެއް ވެސް. ނެށުން އަދި ލަވަކިޔުންވެސް އެކި ގޮތްގޮތަށް ބަދަލުވެގެންދޭ. ބޮޑުބެރު ޖަހާއިރު ވެސް، ކުރީ ޒަމާނުގައި ނުދާނެ އެހާ ރޯލްސް ޖަހާތަންތަނެއް ވެސް. އެކަމަކު މިހާރު ހުސް ރޯލްސް ޖަހާ ތަންތަން ދާނެ މިހާރު."

ސ. ޒަމާނީ ބޮޑުބެރާ މެދު ދެކެނީ ކިހިނެތް؟ މީހުން ބުނޭ ޒަމާނީ ބޮޑުބެރު އައިސް ދިވެހި ސަގާފީ ބޮޑުބެރު ނުވަތަ ބޮޑުބެރުގެ އަސްލު ހަލާކުކޮށް މުޅި މީތި ހަލާކުކޮށްލައިފއޭ؟ ކޮބައިތަ މުސީގެ ހިޔާލަކީ؟

ޖ. "މާބޮޑަށް ޒަމާނީވީމަ ކަމަކުނުދޭ މުސީއަކަށް. އަޅުގަނޑަށް ކަމުދަނީ ކުރީގެ އެއްޗެހި. ބުނެ އުޅެއެއްނޫން އޯލްޑް އިޒް ގޯލްޑްއޭ. އެހެންވެގެންކަން ނޭނގެ. ކުރީގެ އެއްޗެހި ބޮޑަށް ކަމުދަނީ. މިސާލަކަށް ދޮހޮއްކުބޭމެންގެ ލަވަތައް މިހާރަށް ކީމަ ވަރަށް ރީތި އަޅުގަނޑަށް. ބޮޑުބެރަށް ފައްތާލައިގެން ނޯމަލްކޮށް ކިޔާލީމަ ވަރަށް ރީތި."

"ދެން ޒަމާނީ ބޮޑުބެރު އައިސް ސަގާފީ ބޮޑުބެރު ހަލާކުކޮށްލައިފިއޭ ބުނާ ވާހަކަގައި އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ ހަގީގަތެއްހެން. އަޅުގަނޑަށް ހީވަނީ އެއީ ކުރިއެރުންހެން. އެއްވެސް ކަމެއް ނޯންނާނެ އޮންނަ ގޮތަކަށް. ދާނީ އަޕްގްރޭޑްވަމުން. ކުރިއަރާނީ ކޮންމެވެސް ކަހަލަ ތަފާތެއް އައިސްގެން. މުސީއަކަށް ހީއެއް ނުވޭ ޒަމާނީ ބޮޑުބެރު އައިސް ސަގާފީ ބޮޑުބެރު ފުނޑާލިހެނެެއް."

ސ. ބޮޑުބެރުގެ ފޯރިގަދަވެ ވަކިން ހާއްސަކޮށް ޒަމާނީ ބޮޑުބެރު އުފެދި އޭގެ ސަބަބުން ދިވެހި އެހެން ހުރިހާ މިއުޒިކެއް މަރުވެއްޖެ. ނުވަތަ އޭގެ އަޑު ނިކަން މަޑުވެފައި މި އޮތީ. ކިހިނެތްވެގެން ހެން މުސީއަށް ހީވަނީ މިހެން މިވީ؟

ޖ. "ހީއެއް ނުވޭ އެހެން މީހުންގެ އަޑު ނީވޭހެން މިހާރަކު. މުސީމެން އަޑުއަހަން ހަމަ ހުރިހާ އެންމެންގެ ލަވަތައް ވެސް. ދެން މިއުޅޭ އެންމެން ވެސް ލަވަތައް ވެސް އަޑުއަހަން. އަޅުގަނޑަށް ކަމުދޭ އެންމެން. އެމީހުންނަކީ ވެސް ތިބިބައެއް. މުސީ ބަލައިގަންނަން އެމީހުން ވެސް. ހީއެއް ނުވޭ އެކަމަކު ވެސް އެމީހުން އެބުނާ ވަރަކަށް މާކެޓް ގެއްލުނުހެން."

ސ. ބޮޑުބެރު މަގްބޫލުކުރިގޮތަށް ދިވެހި އަމިއްލަ ރާގުތަކާއި އެހެން މިއުޒިކް މި އުސްމިނަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޖ."އެމީހުންނަށް އަސްލު އެ ޕްލެޓްފޯމެއް ނެތް އަދި ރާއްޖެއަކު. އެކަމަކު ސަރުކާރުން އެމީހުންނަށް ކޮންމެވެސް ކަހަލަ ކަންތަކެއް ކޮށްދީގެން އެކަން ރަނގަޅުކުރެވިދާނެހެން ހީވަނީ.”

ސ. ދެން މިހައި ހިސާބުން ވަރަށް ޕާސަނަލްވެލަމާ ހިނގާ. އަންހެންކުދިން އުޅޭ މުސީގެ ތިޔަ ހުންނަ ހިނިތުންވުން ވަރަށް ރީތިވެގެން. މުސީ ގަބޫލުކުރަންތަ އަންހެން ކުދިން އެ ބުނަނީ ރަނގަޅު ވާހައެއް ކަމަށް؟

ޖ. "މުސީގެ ސްމައިލް ހަމަ ރީތިވާނެ އަސްލު އިނގޭ. (ސަމާސާ ރާގެއްގައި) މުސީވެސް ގަބޫލުކުރަނީ މުސީއަކީ ހަމަ ރީތި މީހެއް ކަމަށް. ވަކިން އަންހެން ކުދިންނަށް އެކަންޏެއް ނޫން މުސީގެ ސްމައިލް ރީތިވާނީ. ހުރިހާ އެންމެނަށް ވެސް ރީތިވާނެ. ކުޑަކުދިންނަށް ރީތިވާނެ. މުސީގެ އިންނާނެ ވަރަށް އެހެން ކަހަލަ ދަތެއް (ހީލީމަ ފެންނަން). އެހެންވެގެންކަން ނޭނގެ."

ސ. ލޯބިވެރިއެއް އެބަހުރިތަ؟

"ބިޓެއް ނެތް އަދި. ރައްޓެއްސެއް ނުވަން އަދި އެއްވެސް ކުއްޖަކާ. އެކަމަކު ވަރަށް ލައިކްވާ ކުއްޖެއް އެބަހުރި. އޭނާއާ ދިމާވީ ޝޯއެއްގެ ތެރެއިން. އެކުގައި ފޮޓޯނަގާ އެގޮތަށް ރައްޓެއްސަކަށްވީ."

ސ. ލޯބިވެރިޔަކާ އެކުގައި އުޅުންތަ ބޮލަށް ފަސޭހައީ ނުވަތަ ތިޔަ ގޮތަށް ހުސްކޮށް، ސިންގަލްކޮށް ހުރީމަތަ ބޮލަށް ފަސޭހައީ؟

ޖ. "ބޮލަށް ފަސޭހަވާވަރު އެނގޭނީ އެ ކުއްޖަކާ ދިމާވީމަ އަސްލު. އެކުއްޖެއްގެ ގޮތުން. ހީއެއް ނުވޭ ބިޓެއް ނަގައިގެން ހުރުމަކުން ބޮލަށް އުނދަގޫވާނެހެނެއް ނުވަތަ ނުނަގައި ހުރުމުން ފަސޭހަވާނެ ކަމެއް. ސްޓްރެސް ހުންނާނެ އަބަދުވެސް."

ސ. އަންހެންކުދިންގެ މެދުގައި ނިކަން މަގްބޫލު މޫނަކަށް މުސީ މިވަނީ ވެފައި ކުރު މުއްދަތެއްގެ ތެރޭގައި. ތިހެން ހުސްކޮށް ހުންނައިރު އަންހެން ކުއްޖަކު ލޯބި ވެސް ހުށަހަނާޅާތަ؟

ޖ. "އެކަހަލަ ކުދިންނާ ދިމާވޭ. އެކަމަކު އަޅުގަނޑަކަށް ނުކެރޭ. މާ ބޮޑު ކަންތައްތަކެއް ކިހިނެތް ކުރާނީ ދޯ މުސީ. ވާހަކަ ދައްކާލާފަ ބަހައްޓަނީ އެކަހަލަ ކުދިން. ވާހަކަ ނުދައްކާ ވެސް ބަހައްޓަން އެކަހަލަ ކުދިން. އަންހެން ކުދިން ހުންނާނެ މެސެޖު ވެސްކޮށްފައި. ވަރަށް ލޯބިވެއޭ ކިޔާފައި ފޭސްބުކުން ވެސް މެސެޖުކުރާނެ. އެކަމަކު މުސީއަކަށް ނުކެރޭ އެއަކަށް އަޅާލާކަށް."

"ގަބޫލެއް ނުކުރެވޭ (އެގޮތަށް ލޯބިވެވިދާނެ ކަމަކަށް). އަސްލު ލޯތްބެއް ނުވެވޭނެ ދޯ ހަމަ އެގޮތަށް ލަވައެއް ކިޔާލާތަން ފެނިގެނެއް. މިސާލަކަށް އައި ލަވް ޔޫ މުސީ، އެހިސާބަކަށް ނުދާނެ. އެހެނެއް ނޫން، އަޑު ވަރަށް ރީއްޗޭ، އެހެން ބުނެފިއްޔާ (ގަބޫލުކުރެވިދާނެ)."

ސ. ވެލެންޓައިންސް ޑޭ އަންނަނީއެއް ނުންމިއޮތް. މުސީ އަށް އެނގޭތަ ލޯތްބަކީ ކޮބައިކަން؟

ޖ. "ލޯތްބަކީ... ނޭނގޭ. އެއީ ދެން ކޮންމެވެސް ދެ މީހެއްގެ ދެމެދުގައި އުފެދޭ ލައިކްސްތަކަކާ އެ ހުރިހާ އެއްޗެހިތަކެއް އެނގިގެންކަން ނޭނގެ. ލޯތްބަކީ އެއީކަން ނޭނގެ."

ސ. ދެން ވަރަށް ބައިވަރު ފޭނުން ވެސް އުޅޭތާ މުސީގެ މިހާރު. އެގޮތަށް ދިމާވި އެންމެ ތަފާތު އެންމެ އާދަޔާހިލާފު ފޭނަކީ ކޮބާ؟ ދިމާވެގެން ވީ ގޮތް ކިޔައިދީބަލަ؟

ޖ. "މަގުމަތިން ދިމާވޭ އެކަހަލ މީހުންނާ. މަގުމަތިން ދިމާވޭ ހަމަ ވަރަށް ތަފާތު މީހުންނާ. އަތުގައި ހިނފައިގެން ދޫނުކުރަން އުޅޭ ކުދިންނާ ވެސް ދިމާވޭ. އެއްފަހަރަކު ދަރުބާރުގޭ ކައިރީގައި ހުއްޓައި ކުޑަކުދިންތަކެއް ވެސް އައިސް، ބައިވަރު ކުޑަކުދިން އަޅުގަނޑުގެ އަތުގައި ހިފައިގެން ދޫވެސްކޮށްނުލާން އުޅުނީ. ވަރަށް އުފާވޭ އަސްލު އެގޮތަށް މީހުންނާ ދިމާވީމަ. އެގޮތަށް ދިމާވި އެއްކުއްޖަކު ބޭނުންވީ ބައްދާލަން. ދެން ހަމަ ބައްދާލީމަ ދިޔައީ ވެސް."

ސ. މިހާތަނަށް ކިތައް ބިޓުން ނަގައިފިން؟

ޖ. "މިހާތަނަށް ރައްޓެއްސެއް ނުވަން އެހާ ބައިވަރު ކުދިންނަކާ. ވަރަށް މަދުވާނެ. ގާތްގަނޑަކަށް ފަސް ކުދިންވަރު."

ސ. އޭގެ ތެރެއިން ކުއްޖަކަށް ބުނެވިދާނެތަ ރިލޭޝަންޝިޕް ހަލާކުވެގެން ދިޔައީ މުސީއާ ހެދިއޭ؟

ޖ. "ބުނެފާނެދޯ ރިލޭޝަންޝިޕް ވޯކްނުކުރީ މުސީއާ ހެދިއޭ ވެސް. ނޭނގޭނެ ދޯ މީހެއްގެ ގޮތެއް. މުސީގެ ބޮލަށް ޖަހާލަފާނެ ހަމަ."

ސ. އޭގެ ތެރޭގައި ހުންނާނެތަ ހަގީގީ ލޯބިވެވުނު އަންހެން ކުއްޖަކު؟

ޖ. "ހަގީގީ ލޯތްބެއް ނުވެވޭނެ ދޯ އެހާ ކުޑައިރަކު އަސްލު. މުސީ އަށް އަދި 20 އަހަރުވިއްޔާ މިއީ. ދެ މީހުންނަށް ވެސް އެނގޭނެ ހަގީގީ ލޯތްބެއް ނުވެވޭނެކަން."

ސ. ހަގީގީ ލޯތްބަކީ ކޮބައިކަން މުސީ އަށް އެނގޭތަ؟ އަހަރެމެންނަށް ކިޔައިދީ ބަލަ އެއީ ކޮބައިކަން؟

ޖ. "މުސީއަކަށް ނޭނގެ ހަގީގީ ލޯބި އެއީ އޮންނަ އެއްޗެއް ކަމެއް. (ހެމުން ހެމުން) މަންމަމެން ކައިރީގަ އަހަން ޖެހޭނީ. މަންމަމެން ކައިރީގަ އަހާލީމަ ކިޔައިދީފާނެހެން ހީވަނީ. އެހެންވީމަ އަހާލާނަން."

ސ. ހަޔާތުގެ ބައިވެރިޔަކަށް ހަދަން މުސީ ބޭނުންވާ އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތަކަކީ ކޮބާ؟

ޖ. "އަޅުގަނޑަށް ވަރަށް ރީތި ދިގުކޮށް ހެދުން އަޅާ ކުދިން. އެހާ ދިގުކޮޅެއް ނޫން. އެކަމަކު ރީތި ވަރަކަށް. ދެން ބޯބުޅިކޮށް ތިބޭ ކުދިން ވަރަށް ހިތްގައިމު. މުސީހެން ބޯބުޅިކުދިން. ބްރޫނެޓް ކުދިން. ދެން ދޮނަސް ކަޅަސް އޯކޭވާނެ. މިހާރު ލައިކްވެގެން މި އުޅޭ ކުއްޖާ ވެސް ހުންނަނީ އެހެން. އެ ކުއްޖާ ވަރަށް ރީތިވާނެ އިނގޭ."

ސ. މުސީ މި ފެންނަނީ ވަރަށް ހިކިކޮށް ހުންނަތަން. އަބަދުވެސް. ފަލަނުވާންވެގެން ނިކަން ވަރުގަދަ ޑައެޓެއްގައި އުޅެނީތަ އަނެއްކާ؟ ކޮބައިތަ މިކަމުގެ ސިއްރަކީ؟

ޖ. "މުސީ ކާތަން މީހަކަށް ފެނިއްޖެ ނަމަ ސަޕްރައިޒްވާނެ. ވަރަށް ކަން އަޅުގަނޑު. ހީވަނީ ލޯބި ނުލިބެނީހެން. ވަރަށް ކެވޭ. އެކަމަކު އަދި ފަލަނުވަނީހެން ހީވަނީ. ބަތް އެންމެ ގިނައިން ކެވެނީ ވެސް. ބަތާ ދެން ކޮންމެ އެއްޗެއް ވެސް ރަނގަޅުވާނެ."

"ވަކި ފަލަވެދާނެތީ ވަކި ގޮތަކަށް ކެއުމެއް ނުބަހައްޓަން. ހަމަ ބޭނުންވަނީ ވެސް ކައިކައިގެން ފަލަވާން. ހިތްހަމަޖެހެންދެން ފަލަވާން ބޭނުންވަނީ. ދައްތައަކު ރޭގައި ބުނި މިހާރު ކުޑަކޮށް ފަލައޭ ވެސް. ވަރަށް އުފަލުން މިހުރީ އެހެންވެ."

ސ. މުސީގެ ލަވަކިޔުމުގެ އަޑު މުސީއާ ނުގުޅެއޭ ބައެއް މީހުން ބުނޭ. ނުވަތަ ބޮޑުބެރަކަށް މުސީގެ އަޑު އެހާ ވަރުގަދައެއް ނޫނޭ ވެސް ބުނޭ. މާ ހިމަ އަޑެކޭ ލަވަކިޔާއިރު ހުންނަނީ. އެއީ އެ އަޑުން ލަވަކިޔަނީތަ؟ ވޮއިސް ވަރުގަދަ ބަލަހައްޓަން އެއްވެސް ކަމެއް ކުރަންތަ؟

ޖ. "މުސީއާ މުސީގެ ވޮއިސް ނުގުޅެއޭ؟ އެގޮތަށް ކްރިޓިސައިޒްކުރިޔަސް އޯކޭ އަސްލު. އެކަމަކު މުސީއަށް ހީވަނީ މުސީއާ މުސީގެ އަޑު ގުޅޭހެން. އަޅުގަނޑަށް ކިޔޭގެ ބަރުކޮށް ވެސް އަދި އަޑު ބަދަލުކޮށްލައިގެން ވެސް. ވަރަށް މަތިން ވެސް ކިޔޭނެ."

"ވޮއިސް ވަރުގަދަކޮށް ބަހައްޓަން ޑެއިލީ ޓްރެއިނިންއެއް ނަހަދަން އަދިއެއް. އެކަމަކު ބޮޑުބެރު ޗެލެންޖަށް 2014 ވަނަ އަހަރު އަރަން ވެގެން ޖޯ އެކްސަސައިޒްތަކެއް ހެދިން."

ސ. ކިހިނެތްތަ ހަބޭސް ބޮޑުބެރު ގްރޫޕް. އެނެމެ ވާދަވެރި ހަރުބީ އިން ފުރުސަތު ލިބިއްޖެ ނަމަ ހަބޭސް ދޫކޮށްލާނަންތަ؟

ޖ. "ހަބޭސް ގްރޫޕް ވަރަށް ހަބޭސް. މި ގްރޫޕް ދޫކޮށްފައެއް ނުދާނަން ދުވަހަކު ވެސް. ހަބޭސް ދޫކޮށްލަން ޖެހިއްޖެއްޔާމު އެހިސާބުން މިކަންތައް ހުއްޓާލާނީ. ހަރުބީ އިން ފުރުސަތެއް ލިބުނަސް ނުދާނަން. އެއީ އެގޮތް ލައިކް ނުވާތީ. މުސީގެ ޓޮޕަކީ ހަބޭސް."

ސ. މޯލްޑިވިއަން އައިޑޮލްގެ ފޯރި ވަރަށް ގަދަކޮށް މި އުޅެނީ. މޯލްޑިވިއަން އައިޑޮލް ކުރިއަށް ދާ ގޮތާ މެދު ކީކޭ ބުނާނީ؟

ޖ. "އެއީ ޗާސްތަކެއް ވަރަށް ބައިވަރު މީހުންނަށް. ފުރަތަމަ ފްރެންޗައިޒް ޝޯ ވެސް މެ. އެއް ވަނަ އަށް ދާ މީހާ އަށް ސަޅިވާނެ ހަމަ."

ސ. ހާއްސަކޮށް އޭގެ ޖަޖުންނަށް ފާޑުކިޔުން އަމޒުވެފައި ވަނީ. މުސީގެ ހިޔާލުގައި އެ ތިން ޖަޖުންގެ މަސައްކަތް ރަނގަޅުތަ؟ އެންމެ މޮޅު ޖަޖަޖީ ކޮބާ އޭގެ ތެރެއިން؟

ޖ. "ވަރަށް މޮޅު ތިން މީހުންވެސް. އެކަމަކު ބައެއް ފަހަރު ދޭ ހަމަ ތަންކޮޅެއް ހާޑްކޮށް ބުނެވޭ އެއްޗެހި. އެކަމަކު މުސީ އަށް ވުރެ އެމީހުން މޮޅުވާނެތާ. އެމީހުންނަށް އެނގޭނީ ބޮޑަށް. އެކްސްޕީރިއަންސާ ހުރިހާ އެއްޗެއް އެމީހުންގެ ބޮޑުވާނީ. އެހެންވީމަ އެންމެ ރަނގަޅަށްހެން ހީވަނީ އެމީހުން ކުރިއަށް ގެންދަނީ."

ސ. މުސީގެ ދެން އެންމެ އަވަހަށް ފެންނާނެ އިވޭނެ މަސައްކަތަކީ ކޮބާ ސަޕޯޓަރުންނަށް؟

ސ. "އެންމެ އަވަހަށް ދެން އަޅުގަނޑުމެން ނެރޭނީ އަލްބަމެއް. އެ އަލްބަމަށް މި ކިޔަނީ ކަނބުލޮ. ބޮޑުބެރު އަލްބަމެއް. ގާތްގަނޑަކަށް ހަތް ލަވަވަރު އުޅޭނެ. ވީޑިއޯ ލަވައެއް ވެސް ނެެރޭނެ. ކުރިން ނެރުނު ޖިންނި އަލްބަމަށް ވުރެ މާ ފޯރިގަދަވާނެ މި އަލްބަމްގެ. މާޗް އެޕްރީލް ހިސާބުގައި ނެރެވޭނެ."

  • ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: އައިޝަތު ހަޒްމަތު ނުވަތަ ނޯނި (އެޑްވާންސް ޑިޕްލޮމާ އިން ފެޝަން ޑިޒައިން)
  • ވޯޑްރޯބް: ކޮޓަން ކްލަބް