ފިނިޕޭޖް

ކަންޓްރީ ލަވަކިޔުންތެރިޔާ ޑޮލީ ޕާޓާން ރޮކް އަލްބަމެއް ނެރެނީ

އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ޑޮލީ ޕާޓާން ކަންޓްރީ އާޓިސްޓަކުން ރޮކްސްޓާއަކަށް ބަދަލުވަނީ އެވެ.

ޑޮލީ، ކަންޓްރީ ލަވައިގެ ބަދަލުގައި ފުރަތަމަ ފަހަރަށް ރޮކް އަލްބަމެއް ނެރޭ ކަމަށް އިއުލާންކޮށް، އެ އަލްބަމްގެ ފުރަތަމަ ލަވަ "ވޯލްޑް އޮން ފަޔާ"ގެ ޑެބިއުއާއެކު ބުރާސްފަތި ދުވަހު ބޭއްވި 58 ވަނަ އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގައި ޑޮލީ އެ ލަވަ ޕާފޯމްކޮށްފައިވެ އެވެ.

"ވޯލްޑް އޮން ފަޔާ" ޕާފޯމްކުރާ ވާހަކަ ޑޮލީ ވަނީ ވީޑިއޯއަކުން ޓްވިޓާގައި ޕޯސްޓްކޮށް، އެންމެން އެ ލަވަޔާއި އެވޯޑް ޝޯ ބެލުމަށް އެދިފަ އެވެ.

ޕާފޯމްކުރުމުގެ އިތުރުން ޑޮލީ ވަނީ ގާތް ބްރޫކްސްއާ އެކު އެ އެވޯޑް ޝޯ ހޯސްޓްކޮށްފަ އެވެ.

"ރޮކްސްޓާ" ކިޔާ މި ރޮކް އަލްބަމްގައި 30 ލަވަ ހިމެނޭއިރު މީގެ ތެރޭގައި ނުވަ އޮރިޖިނަލް ލަވައާއި އެކި ރޮކް އާޓިސްޓުންނާއެކު ކޮލޭބޮރޭޓްކޮށް 21 ކްލެސިކް ލަވަ ޑޮލީ ކިޔާނެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ބޮން ޖޯވީގެ ކުރީގެ ގިޓަރިސްޓް ރިޗީ ސަމްބޯރާއާ އެކު ޓައިޓަލް ލަވަ "ރޮކްސްޓާ"، މައިލީ ސައިރަސް އާއެކު "ރެކިން ބޯލް"، ސްޓިންގް އާއެކު "އެވްރީ ބްރެތް ޔޫ ޓޭކް"، ޕީޓާ ފްރެމްޓަން އާއެކު "ބޭބީ އައި ލަވް ޔޯ ވޭ" އަދި ދަ ބީޓްލްސްގެ ދުނިޔޭގައި ހުރި ދެ މެމްބަރުން ޕޯލް މެކްކާޓްނީ އާއި ރިންގޯ ސްޓާއާ އެކު "ލެޓް އިޓް ބީ" ހިމެނެ އެވެ.

މީގެ އިތުރުން އޭރޯސްމިތްގެ ސްޓީވަން ޓައިލާ، ޕިންކް، ކިޑް ރޮކް، ޝެރީލް ކްރޯ އަދި ލިޒޯވެސް މި އަލްބަމްގައި ހިމެނެ އެވެ.

ޑޮލީގެ ފުރަތަމަ ރޮކް އަލްބަމް "ރޮކްސްޓާ" ގެނެސްދިނުމަށް ވަރަށް އެކްސައިޓްވާ ކަމަށާއި އެންމެ މޮޅު އަދި އައިކޯނިކް ލަވަކިޔުންތެރިންނާއި މިއުޒިޝަނުންނާއެކު މި އަލްބަމް ނެރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމުގައި ޑޮލީ ބުންޏެވެ.

މި އަލްބަމް އެއްކޮށް ނޮވެމްބަރު 17 ގައި ރިލީޒްކުރާއިރު، ސްޓްރީމިން ސާވިސްތަކުންނާއި ޑިޖިޓަލް ޑައުންލޯޑްގެ އިތުރުން ވައިނީލް ރެކޯޑް އަދި ސީޑީ މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.