އެމްއޭސީއެލް

މެލޭޝިއާގެ ބަޓިކް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މަލިންޑޯއެއާގެ ނަމުގައި ކުރިން ހިންގަމުން އައި މެލޭޝިއާގެ ބަޓިކް އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ރޭ 8:30 ގައެވެ.

މި ބޯޓަށް ހާއްސަ ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔާފައިވާއިރު ބަޓިކް އެއާގެ ފުރަތަމަ ބޯޓުގައި 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފަ އެވެ.

ބަޓިކް އެއާލައިން އިން ދުނިޔޭގެ 52 މަންޒިލަކަށް ދަތުރުކުރަމުންދާއިރު ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިން 737 މެކްސް މަރުކާގެ ބޯޓުތަކެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މިދަތުުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 699 ރިންގިޓް -- 2،400 ރުފިޔާ އެވެ.

މެލޭޝިއާ އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަކާއި މެލޭޝިއާ، ސްރީލަންކާ އަދި ރާއްޖެ އަށް ކުރާ ޓްރާންސިޓް ދަތުރުތަކެއްވެސް މިދަތުރުތަކުގައި ހިމެނެ އެވެ.

ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.