ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއެރުވުމަށްޓަކައި ލޯނާއި ހިލޭ އެހީ ހިމެނޭ ގޮތަށް 15 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.
މޯލްޑިވްސް ކޮމްޕެޓިޓިވްނަސް އެންޑް ގްރޯތު ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ސަރުކާރު ކުންފުނިތަކުގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރަން ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމެވެ.
ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި 7.5 މިލިއަން ޑޮލަރަކީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އެވެ. ބާކީ 7.5 މިލިއަން ޑޮލަރަކީ ހިލޭ އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ކުންފުނިތަކަށް ފައިސާ ލިބޭނެ ގޮތްތަކާއި ފުރުސަތުތައް ފަހިވެ އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް ހުރި އިގްތިސާދީ މައްސަލަތައް ހައްލުތަކެއް ހޯދާފައިވީ ނަމަވެސް އިގުތިސާދު އިތުރަށް ކުރިއެރުވުމަށް ރާއްޖެއިން އަދިވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.