ވޯލްޑް ބޭންކް

ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ދަށަށް

ރާއްޖޭގެ ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ދަށަށް ހިނގައްޖެ އެވެ.

ވޯލްޑް ބޭންކުން މިމަހު އާންމުކުރި މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓްގައިވާ ގޮތުން މި އަހަރުގެ ޖުލައި އާއި ނިމުނު އަހަރާއި އަޅާބަލާއިރު ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ވަނީ 1.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ބޭރު ފައިސާ ޖަމާކުރި މިންވަރު ދަށްވުމުން ބޭނުންކުރެވޭ ބޭރު ފައިސާގެ އަދަދު މަދުވެފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ބޭންކްތަކަށް ދިވެހި ރުފިޔާ ޖަމާކުރި މިންވަރުވެސް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ބޭންކްތަކަށް ރުފިޔާ ޖަމާކުރި މިންވަރު ފާއިތުވި އަހަރު އަށް ޕަސެންޓަށް އިތުރުވި ނަމަވެސް މި އަހަރުގެ ޖުލައިގައި އެ އަދަދު އިތުރުވީ ހަތަރު ޕަސެންޓަށެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2022 ގެ ފަހުން ބޭންކްތަކުން ދޫކުރާ ލޯނުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެ ގޮތުން ޕާސަނަލް ލޯން 27 ޕަސެންޓް އަދި ކޮންސްޓްރަކްޝަން ލޯނު 25 ޕަސެންޓް އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.