ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް)ގެ ހިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓާ ތަކަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.
މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބާން ގައި ބޭއްވުނު އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގަ އެވެ. މިއެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ ޕޯސްޓްގެ ހިދުމަތް ދިނުމުގައި ގެންނަންޖެހޭ ބަދަލު ގެންނާނެ ކަމަށެވެ.
"މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން،" އާދަމް މުހައްމަދު ވިދާޅުވި އެވެ.
އެންމެ ފެންވަރު ރަނގަޅު އީއެމްއެސް ހިދުމަތްދޭ ފަރާތަށް ދެވޭ މި އެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ހިދުމަތް ދޭ ފެންވަރަށް ބަލާ ރޭންކް ކޮށްގެން ދެމުންދާ އެވޯޑެކެވެ. މިދިޔަ އަހަރު އީއެމްއެސްގެ ހިދުމަތް ފޯރުކޮށްދިން ފަރާތްތަކުން ދީފައިވާ ހިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ދިން އިރު 2019 އަދި 2021 ވަނަ އަހަރު އެ ކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދާފަ އެވެ.
ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން އާއި މިޔަންމާ އާއި އޮމާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ. އަދި ގަތަރަށް ސިލްވާ އެވޯޑް ލިބުނުއިރު ބުރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެއެވެ.
މި އަހަރުގެ ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓުރެޖިކް ނިންމުންތައް ހުށައަޅާ ފާސް ކޮށްފައިވެ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން-ޔުނިވާރސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް ބޭއްވުމަށާއި އަދި ސެޕްޓެމްބަރ މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމް ބޭއްވުމަށްވެސް މިއަހަރުގެ އެސެމްބްލީގައި ނިންމާފައިވެ އެވެ.
އީއެމްއެސް ވިއުގަ މެދުވެރިކޮށް ކޮންމެ ހަފްތާއަކުވެސް އަށް މިލިއަންއަށް ވުރެ ގިނަ އައިޓަމް އެއް ގައުމުން އަނެއް ގައުމަށް ފޮނުވަ އެވެ. މުހިއްމު ލިޔެކިޔުންތަކާއި ބޭހާއި ސްޕެއާޕާޓް އަދި އާންމު ދިރުއުޅުމުގައި ބޭނުން ކުރާ ތަކެތި އީއެމްއެސް މެދުވެރިކޮށް ރާއްޖެއަށްވެސް އެތެރެ ކުރެ އެވެ.
މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ހިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތެކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ހަރަދުވެސް ކުޑަ ހިދުމަތެކެވެ. ރާއްޖެއިން އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރާއި ޔޫއޭއީ އާއި މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެ އެވެ.