ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އަތްޕުޅުން 53 މިލިއަން ހޯދަން ހައިކޯޓަށް ހުށަހަޅައިފި

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމާ ގުޅިގެން އެ ފައިސާ ދައުލަތަށް ހޯދުމާ ގުޅޭ މައްސަލައެއް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ދައުލަތުން ހޯދަން މަސައްކަތް ކުރާ ފައިސާ އަކީ އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުގައި ކުށްކޮށްގެން ރައީސް ޔާމީން ހޯދާފައިވާ ކަމަށް ބުނާ ފައިސާ އެވެ. މީގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑާކޮށްގެން ހޯދި ކަމަށް ސާބިތުވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2.4 މިލިއަން އެމެރިކާ ޑޮލަރާއި މިހުރިހާ ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރިއިރު ދައުލަތުން ބުނާ 53 މިލިއަން ރުފިޔާ ނަގައިދިނުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހުކުމް ކުރިއިރު ދައުލަތުން އެދުނު ފައިސާއާ މެދު ކްރިމިނަލް ކޯޓުން އޮތީ ވަކި ގޮތެއް ނުނިންމަ އެވެ.

ދައުލަތުގެ ފަރާތުން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ވަކި އަމުރެއް ނެރެ ދައުލަތުން ހޯދަން އެދުނު ފައިސާ ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް އަމުރުކޮށްފަ އެވެ. ހަމަސް ދުވަހުގެ ތެރޭގައި ދައްކަން އަމުރުކުރި ފައިސާގެ މައްސަލަ ހައިކޯޓުގައި ރައީސް ޔާމީން އިސްތިއުނާފް ކުރެއްވުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލްކުރީ މިދިޔަ އޭޕްރީލް 11 ވަނަ ދުވަހު އެވެ.

ހައިކޯޓުން އެ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ރައީސް ޔާމީން މަނީ ލޯންޑާކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުލަތުން ބުނި ނަމަވެސް އާރަށު މައްސަލައިގައި ޔާމީން ޖަލަށްލުމަށް ހުކުމްކުރިއިރު އެ ފައިސާ ދައުލަތަށް ހޯދުމަށް ހުކުމްގައި ނެތް ކަމަށެވެ. މިމައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައިވަނީ ހުކުމްކުރިއިރު ހުކުމްގައި ނެތް ކަމެއް އިތުރު އަމުރެއް ނެރެގެން ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރަށް އޮޅިގެން ކުރެވޭ ކަންކަން ދެވަނަ އިތުުރު ނެރެގެން ރަނގަޅު ނުކުރެވޭނެ ކަމަށާއި ފައިސާ ހޯދުމަށް އިތުރު އަމުރަކަށް ނުވެސް އެދެވޭނެ ކަމަށްވެސް ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވެ އެވެ.

ހައިކޯޓުގެ ހުކުމާ ގުޅިގެން ދައުލަތުން ވަނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި މިމަހުގެ ހަތްވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައިކޯޓުން މި މައްސަލަ އަދި ބަލައިގަނެފައެއް ނުވެ އެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އަދި ނިމިފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.