ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ނުދައްކާ އޮތް ދެ މިލިއަން ރުފިޔާ ހޯދަން އަދީބަށް ދައުވާކޮށްފި

May 14, 2023

އެމްއެމްޕީއާރްސީގެ ހިޔާނާތްތަކާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ކަމަށް ހުކުމްކޮށްފައި އޮތް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

އަދީބް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާ އަކީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއްގެ ތެރެއިން ދެ ދައުވާއަކާ ގުޅިގެން ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކުރި ފައިސާ އެވެ.

މިފައިސާ ދެއްކުމަށް ކޯޓުން ދިނީ އެއް މަސް ދުވަހެވެ. ނަމަވެސް އަދީބް ފައިސާ ނުދައްކަވާތީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ބަންޑާރަނައިބްގެ އޮފީހުން ބުނެ އެވެ.

ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހެދި ފަހުން އަދީބް 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2020 ވަނަ އަހަރު އެވެ.

އަދީބް ޖަލު ހުކުމްގެ ބޮޑު ބައި ހޭދަކުރައްވަނީ ގޭބަންދުގަ އެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބް ގޭބަންދުގައި ހުންނަވަނީ ސިއްހީ ކަމަކާ ގުޅިގެން ކަމަށެވެ.