ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބް އެދިވަޑައިގަތީ ބަހާލައިގެން ފައިސާ ދެއްކޭ ގޮތް ހެދުމަށް

އެމްއެމްޕީއާރްސީގެ ހިޔާނާތްތަކާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދައުލަތަށް ދައްކަން ހުކުމްކޮށްފައި އޮތް ދެ މިލިއަން ރުފިޔާ ބަހާލައިގެން ދެއްކުމަށް އަދީބް އެދިވަޑައިގެންފި އެވެ.

އަދީބް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އަކީ އެމްއެމްޕީއާރްސީގެ ހިޔާނާތްތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއްގެ ތެރެއިން ދެ ދައުވާއަކާ ގުޅިގެން ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކުރި ފައިސާ އެވެ.

އަދީބް ދައްކަވަންޖެހޭ ދެ މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ފައިސާ ހޯދަން ދައުލަތުން ކުރި ދައުވާއާ ގުޅިގެން އަދީބް މީގެކުރިން ކޯޓަށް ހުށަހަޅާފައިވަނީ އެއްފަހަރާ އެއްލައްކަ ރުފިޔާ ދެއްކުމަށްފަހު މަހަކު 20،000 ރުފިޔާ ދެއްކުމަށެވެ. އެކަމަކު ދައުލަތުން ހުށަހަޅާފައިވަނީ އެއްފަހަރާ ދެލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީވާ މަހުން މަހަށް ބަހާލުމަށެވެ.

ދައުލަތުގެ ހުށަހެޅުމާ ގުޅިގެން އަދީބް ނިންމަވާ ގޮތެއް އެންގުމަށް ކޯޓުން އިއްޔެ ވަނީ ފުރުސަތު ދީފަ އެވެ. ކޯޓުގެ އެންގުމާ އެއްގޮތަށް ވަކި ގޮތެއް ނިންމާފައި ކޯޓަށް ހުށަހަޅާނެ ކަމަށް އަދީބްގެ ފަރާތުން ވަނީ ބުނެފަ އެވެ.

ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހެދި ފަހުން އަދީބް 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2020 ވަނަ އަހަރު އެވެ.

އަދީބް ޖަލު ހުކުމްގެ ބޮޑު ބައި ހޭދަކުރައްވަނީ ގޭބަންދުގަ އެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބް ގޭބަންދުގައި ހުންނަވަނީ ސިއްހީ ކަމަކާ ގުޅިގެން ކަމަށެވެ.