މަގުމަތީ ހިނގާފައި ދާއިރުވެސް ރީތި ފިރިހެނެއް ފެނިއްޖެޔާ ބަލައިލެވެ އެވެ. އަދި އޭނާ ޖަޖު ކޮށްލެވެ އެވެ. ހިތް ކިޔާ ގޮތެއް ހުރެއްޖެޔާ "މަށަށް ލިބޭނެ ނަމައޭ" ހިތަށް އަރަ އެވެ. މިއީ ގާތްގަނޑކަށް 90 ޕަސެންޓު އަންހެން ކުދިންގެ ހާލެވެ. ރީތި މީހަކު ފެންނަ އިރަށް އެސޫރަ ހިތު ތެރެއަށް ނަކަލު ކޮށްލެވެނީ އެވެ. ރައްޓެހިންނާ ދިމާވުމުން އެވާހަކަ ދެއްކެނީ އެވެ.
މިއީ އަދި މަގުމަތިން މީހަކު ފެނިއްޖެނަމަ ވާވަރެވެ. ފޭސްބުކުން ރީތި މީހެއް ފެނިއްޖެނަމަ އެމީހަކަށް ފްރެންޑް ރިކުއެސްޓް ފޮނުވަ އެވެ. ވާހަކަ ދައްކަން މަސައްކަތް ކުރެ އެވެ. އެވަރު ވާނީ ގައިމުވެސް ރީތި ވީމަތާ އެވެ.
އަންހެނަކަށް އެވަރުވާ ފިރިހެނެއްގެ ގައިގައި ހުންނާނެ ސިފަތަކަކީ ކޮބައިކަން ބަލަން މިހާރު ބޭނުން ވެއްޖެ އެވެ. ނަމަވެސް މި ބުނި ކަހަލަ ފިރިހެނުންވެސް ރައްޓެހިންނާއެކީ ކޮފީތަކަށް ގޮސް "މަށަށް ބިޓެއް ނުވެޔޭ" ބުނަނީ މަދެއް ކޮށް ނޫނެވެ. ރީތިވިޔަސް އަދި ނުނިމޭނެ އެވެ. ހަމައެކަނި ބޭރުފުށުގެ ސިފަތަކުގެ ވާހަކަ ދައްކައިގެން ވާކަށް ނެތެވެ. ރީތި ފިރިހެނަކު ނަމަވެސް ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުން ނުވެދާނެ އެވެ. އެފިރިހެނެއްގެ ގައިގައި މި ސިފަތައްވެސް ހުންނަން ޖެހޭނެ އެވެ. ފަށަމާ ހިނގާށެވެ.
1. ކުޑަކުދިން ދެކެ ލޯބިވުން
މިއީ އަންހެނެއްގެ ހިތް އަތުލަން ފަސޭހަ ގޮތެކެވެ. ތުއްތު ކުދިންދެކެ ލޯބިވެ އެކުދިންނާ ގުޅޭ މީހުންނަކީ އަންހެނުން ނިކަން ގަޔާވާ ބަޔަކަށް ވެދެ އެވެ. ބޭނުންވާ އަންހެން ކުއްޖާ ފޭސްބުކް ފްރެންޑް ލިސްޓުގައި އެބައިން ހެއްޔެވެ؟ އެހެން ނަމަ މިއީ ރަނގަޅު ފުރުސަތެކެވެ. ކުޑަކުދިންނާއެކު ފޮޓޯ ނަގަ ނަގާފައި ފޭސްބުކަށް ލާންވީ އެވެ. މަޑުމަޑުން އަންހެން ކުއްޖާ ޝައުގުވެރިވާން ފަށާނެ އެވެ. އަދި މިއީ ލޯބިވެރިޔާވެސް ތިބާދެކެވާ ލޯބި އިތުރުކޮށްދޭނެ ވެސް ކަމެކެވެ.
2. ތުނބުޅި ބެހެއްޓުން
މިއީ ބޭރުފުށަށް ބަލާއިރު އަންހެނުން އެއްމެ ގިނައިން ބަލާނެ އެއްކަމެވެ. މީހާގެ ޝަހުސިއްޔަތު ދައްކުވައިދޭ ކަމެކެވެ. ތުނބުޅި އަކީ އަަންހެނުންނަށް ވަރަށް ކަމުދާ އެއްޗެކެވެ. ފިރިހެން ގޮތެއް މީހާގެ ގައިގައި ހުންނާނެ އެވެ. އަބަދު ތުނބުޅި ބާލާއި އޮމާންކޮށްފައި ހުންނަ ނަމަ ކުޑަކުއްޖެއްހެން ހީވާނެ އެވެ. އެއީ އަންހެނުންނަށް ކަމުދާނެ ސިފައެއް ނޫނެވެ.
3. އެހެން މީހުންނަށް އެހީވުން
މިއީ މުހިއްމު ކަމެކެވެ. ކިބުރުވެރިވެ ނިކަމެއްޗަކަށް ބަލައި ނުލާ މީހުންނަށް އެހީނުވާ މީހުންދެކެ އަންހެނުން ވަރަށް ފޫހިވާނެ އެވެ. އަބަދުވެސް ތިމާއަށް ވެވެން އޮތް މިންވަރަކުން މީހުންނަށް އެހީތެރިވާށެވެ. ގޭގެ ކުނި އުކާލަން އަންނަ ބިދޭސީ މީހާ އަށްވެސް އިހުތިރާމް ކުރާށެވެ. މިފަދަ ކަންކަމަކީ އަންހެނުން ވަރަށް ބަލާނެ ކަންކަމެވެ.
4. އަންހެން ކުދިން ހެއްވާލަން އެނގުން
މިއީ އަންހެނެއްގެ ހިތް ފަތަހަ ކުރަން އެއްމެ ފަސޭހަ ގޮތެވެ. ކޮންމެ ވަގުތަކުވެސް އޭނަ ހެއްވާލާށެވެ. ތިމާ އަކީ އަބަދުވެސް އުފާވެރި މޫޑެއްގައި ހުންނަ މަޖާ މީހެއް ނަމަ އަންހެން ކުދިން ވަރަށް ގަޔާވާނެ އެވެ. އެހެން ނަމަވެސް ހުރިހާ އަންހެން ކުދިންނާ މެދު އެގޮތަށް ކަންތައް ކުރަންޏާ ފޫހިވާނެ އެވެ. ނަމަ ނަމަ ލޯބިވެރިޔާ ކައިރީ ހުރެ މިކަހަލަ ކަމެއް ނުކުރާށެވެ. އަދި އޭނާ ނެތްތާކުވެސް ނުކުރާށެވެ. މިއީ "ޓޮލެރޭޓް" ކުރެވޭ ކަމަކަށް ނުވާނެ އެވެ.
5. ސެލްފީ
މާގިނައިން ސެލްފީ ނަގާނަމަ އަންހެން ކުދިންނަކަށް ކަމަކު ނުދާނެ އެވެ. ނަމަވެސް ތަންތަނަށް ގޮސް އުޅޭއިރު ސެލްފީ ނަގަން ވާނެ އެވެ. މިއީ އަންހެނުންނަށް ކަމުދާ ކަމެކެވެ. ނަމަވެސް އެއީ ތިމާ ރީއްޗަށް ފެންނަހެން ހުންނަ ސާފު ސެލްފީއަކަށް ވާން ވާނެ އެވެ.