އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް މާދަން އާންމު ކުރަނީ

Feb 4, 2016

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ އޮޑިޓް ރިޕޯޓް މާދަމާ މެންދުރު ފަހު އާންމު ކުރާނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ. ރައީސްގެ އެދިވަޑައިގަތުމަކަށް އެމްއެމްޕީއާރުސީ އޮޑިޓް ކުރީ، 2013 ގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

އެ އޮޑިޓްގެ ކަންކަން ބަލަހައްޓަވާ، އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން މިއަދު ވިދާޅުވީ އޮޑިޓް ރިޕޯޓް މިއަދު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް އޮޑިޓް އޮފީހުގެ ވެބްސައިޓަށް މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި އަރުވާނެ ކަމަށް އައިމަން ވިދާޅުވި އެވެ.

އެ ރިޕޯޓް ނެރުމުގެ ކުރިން، އޭސީސީ އާއި ފުލުހުންނަށް ރިޕޯޓް ފޮނުވައި އޭގައި ހުރި މައުލޫމާތުތައް ވަނީ އިތުރަށް ކަށަވަރުކޮށްފަ އެވެ. އޮޑިޓް އޮފީހުން ބުނެފައި ވަނީ، ރެކޯޑް އަދަދެއްގެ ފައިސާއަށް އެމްއެމްޕީއާރުސީގެ ތެރެއިން ހިޔާނާތްވެފައިވާ ކަމަށެވެ. އަދި އެ އޮޑިޓްގައި ހުރި ހިޔާނާތުގެ އަދަދުތަކަކީ އެއް ދުވަހަކުން ބަލައި ނިންމާލެވޭ ވަރަށް ވުރެ ބޮޑެތި އަދަދުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހިޔާނާތް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.