މުޒާހަރާ

މާދަމާގެ މުޒާހަރާގައި މަގުމައްޗަކަށް ނުނުކުމެވޭނެ: ޕޮލިސް

އެމްޑީޕީން މާދަމާ މާލޭގައި ބާއްވާ މުޒާހަރާގައި މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހާރުވަނީ އެކަން އެމްޑީޕީއަށް ވެސް އަންގާފަ އެވެ.

ފުލުހުން މިރޭ ބުނީ މާދަމާ ބާއްވާ މުޒާހަރާގައި އަޑުގަދަކުރާ ބޭނުން ކުރާނަމަ ނަމާދު ވަގުތަށް މެދުކަނޑައިލަން ޖެހޭނެ ކަމަށާއި ދަންވަރު 12:00 އިގެ ފަހުން ބޭނުންކޮށް އަޑުގަދަކުރަން ފުރުސަ ނުދޭނެ ކަމަށެވެ. އަދި ބުނީ އެއްވުން ކުރިޔަށްދާއިރު ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް ބޭނުން ނުކުރެވޭނެ ކަަމަށެވެ.

އެގޮތަށް ނިންމީ މީގެ ކުރީގެ އެއްވުންތަކުގައި ހިނގާފައިވާ، އާއްމުންގެ މުދަލަށް ގެއްލުންދިނުންމާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަމަލާ ދިނުންފަދަ ނޭދެވޭ ކަންތައްތަކުގެ ސަބަބުންނާއި، އާއްމު ހިދުމަތްތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށާއި މާލޭގައި ހިންގަމުންދާ ތަރައްގީ ބައެއް މަޝްރޫއުތަކަށް ބޮޑެތި ސަރަހައްދުތަކެއް ބަންދުކޮށްފައިވުމާއި، ހުކުރު ދުވަހަކީ ކުޑަ ކުދިންނާއި ގިނަ އަދަދެއްގެ ރައްޔިތުން މާލޭގެ އެކި ސަރަހައްދުތަކަށް ނުކުންނަ ދުވަހަށްވުމާއި، އެއްވުމާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުލްހަ ވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ސުލްހަވެރިކަމާއި އާންމު މަސްލަހަތު ދެމެހެއްޓުމަށް އެކުލަވާލާފައިވާ ގާނޫނު ތަކާއި ގަވައިދުތަކާ އެއްގޮތަށް އެއްވުން ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.

އެއްވުމުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާއި، އެއްވުން ކުރިޔަށްދާއިރު ރަށުތެރޭގެ ރައްކާތެރިކަން ގާއިމްކޮށް ސަލާމަތާއި ރައްކާތެރިކަން އެންމެނަށް ކަށަވަރުވެފައި އޮތުމުގެ މުހިއްމު ކަމާބެހޭގޮތުން މަޝްވަރާކުރުމަށް ފުލުހުންވަނީ މިއަދު އެމްޑީޕީއާއެކު މަޝްވަރާކޮށްފަ އެވެ.