ހަބަރު

އެމްޑީޕީގެ މުޒާހަރާއަށް ދިޔައީ ދެހާހެއްހާ މީހުން: ޕޮލިސް

އެމްޑީޕީން އިންތިޒާމްކޮށްގެން މިއަދު ކުރިއަށްގެންދާ މުޒާހަރާއަށް އާޓިފިޝަލް ބީޗަށް އެއްވީ ދެހާހެއްހާ މީހުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެމްޑީޕީގެ މުޒާހަރާގައި 2000 އެއްހައި މީހުން ބައިވެރިވަމުންދާ ކަމަށާ، މުޒާހަރާގެ ސަލާމަތީ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. މުޒާހަރާ ކުރިއަށްދާއިރު ކުޑަކުދިން ގޮވައިގެން ބީޗް ސަރަހައްދަށް ނުދިއުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިއަދުގެ މުޒާހަރާގައި އެމްޑީޕީއާ އެއްކޮޅަށް ގޮސް ތިބީ ވަރަށް މަދު މީސްކޮޅެއް ކަމަށެވެ. އެއީ މީގެ ކުރިން ރައްޔިތުންގެ ފަރާތުން އެމްޑީޕީއަށް ލިބުނު ތަރުހީބާ ތާއީދު ގެއްލިފައިވާކަން ހާމަވާކަމެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިއަދުގެ މުޒާހަރާގައި އަދާލަތު ޕާޓީގެ މެންބަރު ޝިދާތާ ޝަރީފްގެ ބައިވެރިވުން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، "މިންޖުވާން" މުޒާހަރާއަކީ އެމްޑީޕީން އެކަނި ބާއްވާ މުޒާހަރާއެއް ކަމަށާ އެއީ އަދާލަތު ޕާޓީން ގުޅިގެން ކުރިއަށްގެންދާ މުޒާހަރާއެއް ނޫން ކަމަށެވެ. މުޒާހަރާގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރި ނުވާކަން އެ ޕާޓީން ސަރުކާރަށް ޔަގީންކޮށްދީފައިވާތީ، މިއަދުގެ މުޒާހަރާގައި ޝިދާތާ ބައިވެރިވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެމްޑީޕީން މިންޖުވާން ނަމުގައި މިއަދު ފެށި މުޒާހަރާއަކީ 73 ގަޑި އިރަށް ކުރިއަށްގެންދަން ޕްލޭން ކޮށްފައިވާ މުޒާހަރާއެކެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ މުޒާހަރާ މިރޭގެ 12:00 އަށް ނިންމަން އެމްޑީޕީއަށް އަންގާފައެވެ. އަދި މުޒާހަރާކުރާއިރު އާންމުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ވެސް އަންގާފައެވެ. ނަމަވެސް އެމްޑީޕީން ބުނީ 12:00 ޖެހުމުން ވެސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށާ، މުޒާހަރާގެ ބައިވެރިން މިރޭ މަގުމައްޗަށް ވެސް ނިކުންނާނެ ކަމަށެވެ.