އެމްޑީޕީ

މުޒާހަރާ ކުރިއަށްގެންދާނީ ފުލުހުން ބުނާ ގޮތަށް: އެމްޑީޕީ

އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާއަކީ ހުރިހާ ގޮތަކުންވެސް ސުލްހަވެރި މުޒާހަރާއަކަށް ހަދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މާދަމާ ބާއްވާ މުޒާހަރާ ސުލްހަވެރިކޮށް ކުރިއަށްގެންދިޔުމާ ބެހޭގޮތުން ފުލުހުންނާ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އެޕާޓީން ވަނީ، މާދަމާގެ މުޒާހަރާގައި ފުލުހުން އަންގާފައިވާ ގޮތަށް އަމަލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފަ އެވެ. އެގޮތުން މުޒާހަރާ ކުރިއަށްދާ ވަގުތު ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމާ، ފުލުހުން ބަންދުކުރާ މަގުތަކަށް ވަންނަން މަސައްކަތް ނުކުރުމާ ގްރީން ޒޯންގެ ގޮތުގައި ހިމެނޭ އެއްވެސް ސަރަހައްދަކަށް ނުވަންނާނެ ކަމުގެ ޔަގީންކަން އެޕާޓީން ވަނީ ފުލުހުންނަށް ދީފަ އެވެ.

ރޭގެ ބައްދަލުވުމާ ބެހޭގޮތުން ފުލުހުން ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާފައިވާ ގާނޫނު ތަކާ އެއްގޮތަށް މުޒާހަރާ ކުރިއަށްގެންދަން އެމްޑީޕީގެ ކިބައިން އެދިފައިވާ ކަމަށެވެ. އެގޮތުން ނަމާދު ވަގުތުތަކާ މެންދަމުގެ ވަގުތުތަކުގައި ސައުންޑް ސިސްޓަމް ބޭނުން ނުކުރުމާ، ހަތަރު ފުރޮޅުލީ ވެހިކަލް ބޭނުން ނުކުރުމާ، މަގުތައް ބަންދުވެ، އާންމުންނަށް އުނދަގޫވާ ގޮތަށް މަގުމަތީ އިށީނދެ ނުތިބެން އެމްޑީޕީއަށް އެންގި ކަމަށެވެ.

ފުލުހުން އަންގާފައިވާ ގޮތަށް އެމްޑީޕީން އަމަލު ކުރާނަމަ މުޒާހަރާއަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަންވެސް އެމްޑީޕީއަށް އަންގާފައިވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.

"އެއްވުން ކުރިޔަށްދާ ހުރިހާ ވަގުތެއްގައިވެސް އަދި އެއްވުމުގެ ވަގުތުގައި މަގުމަތީ ހިނގާއިރުވެސް އާއްމުރައްޔިތުންގެ ހައްގުތަކަށް އިހްތިރާމްކޮށް އެހައްގުތައް ގެއްލިގެން ނުދާނެފަދަ ގޮތަކަށް އެއްވުން ކުރިޔަށް ގެންދިއުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކިބައިން ވަނީ އެެދިފަ. މިއާއެކު، އެއްވުން ކުރިޔަށްދާ ވަގުތު މަގުތަކަށް ނުކުމެ ހިނގާނަމަ ފުލުހުންނަށް ދީފައިވާ މަގުތައް ބޭނުންކުރުމަށާ މަގުތައް ބަންދުވެ އެއްގަމު ދަތުރުފަތުރަށް ބުރޫ އަރާނެގޮތަށް އެއްވެސް މަގެއްގައި އިށީނދެތިބެން ފުރުސަތު ދެވެން ނޯންނާނެކަންވެސް ފުލުހުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް އަންގާފަ،" ފުލުހުން ބުންޏެވެ.

"މިންޖުވާން" ނަމުގައި އެމްޑީޕީން މާދަމާ ހަވީރު އާޓިފިޝަލް ބީޗުން ފަށާ މުޒާހަރާ 72 ގަޑިއިރާ 13 މިނިޓަށް ކުރިއަށްގެންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެ މުޒާހަރާގައި ބައިވެރިވާން އަތޮޅުތެރެއިންވެސް މީހުން މިހާރު ދަނީ މާލެ އަންނަމުންނެވެ. މި މުޒާހަރާގައި އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.