އެމްޑީޕީ

ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަކިކުރަން ގޮވާލައި އިހްތިޖާޖުކޮށްފި

May 15, 2023

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުން އެމްޑީޕީން ވަކިކުރުމަށް ގޮވާލައި އެ ޕާޓީގެ މައި އޮފީސް ކުރިމަތީގައި އިހްތިޖާޖުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެވެ.

މި އިހްތިޖާޖުގައި ގޮވާލާފައިވަނީ ޕާޓީގެ އުސޫލުތަކާ ހިލާފަށް އުޅޭ މެންބަރުން ވަކިކުރުމަށާއި މެންބަރުންނާ މެދު ތަފާތު ނުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށެވެ.

މަދު ބަޔަކާ އެކު މޫސަ ކުރިއަށް ގެންދެވި އިހްތިޖާޖު ކުޑައިރުކޮޅެއް ތެރޭގައި ނިންމާލާފައިވެ އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި ނަޝީދު ހުންނަވައިގެން މީގެ އަހަރުތަކެއް ކުރިން އެމްޑީޕީން މޫސާ މަނިކު ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާ ހިލާފަށް މޫސަ އަމަލުކުރެއްވި ކަމަށް ނިންމުމަށްފަހު އެވެ.

ރައީސް ނަޝީދާ އެކު މަސައްކަތް ކުރައްވާ "ފިކުރެއްގެ ދިރުން"ގައި ހިމެނޭ މަޖިލީހުގެ މެންބަރުން ގެންދަވަނީ ފާޅުގައި ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ އަދި މަޖިލީހުގެ އެމްޑީޕީގެ ނިންމުންތަކާ ދެކޮޅަށް ވޯޓު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައިވެސް ރައީސް ނަޝީދުއާ އެކު މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ސޮއިކުރައްވާފަ އެވެ.