ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ބޯޑުގެ ބޮޑު ނިންމުން: ހިއްސާއަކަށް 40 ރުފިޔާ

މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

މިއީ ބީއެމްއެލްއަށް 40 އަހަރު ފުރުމާ ގުޅިގެން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެކެވެ.

ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާއަކަށް 40 ރުފިޔާ ބެހޭނީ މިމަހުގެ 29 ވަނަ ދުވަހު އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ނިންމުން ފާސްކުރުމުންނެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215.3 މިލިއަން ރުފިޔާ ބެހުމަށެވެ.

މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އެވެ.

އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ޖުމްލަ 107.6 މިލިއަން ރުފިޔާ ބެހުމަށްވެސް ބޯޑުން ނިންމާފައިވެ އެވެ.

އިންޓަރިމް ޑިވިޑެންޑް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހާއި ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނިފައި ތިބި ހިއްސާދާރުންނަށެވެ.

ފައިނަލް ޑިވިޑެންޑް ލިބޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވާ ހިއްސާދާރުންނަށެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.63 ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލްގަ އެވެ.