އަމީތާބު ބަޗަން ދުއްވި ކާރު ޓްރެފިކްގައި ތާށިވެ ގުޑާނުލައި އެތައް އިރަކު އޮތުމުން އަވަހަށް ޝޫޓިން އަށް ދާން ވެގެން އެހެން ލާފައި ދިޔަ ނުވެސް ދަންނަ މީހެއްގެ ސައިކަލެއްގެ ފަހަތަށް އަރައިގެން ދިޔަ މަންޒަރުގެ ފޮޓޯތަކެއް އިއްޔެ ވަނީ އިންޓަނެޓުގައި ވަރަށް ގަދައަށް ހިނގާފަ އެވެ. ބަތަލާ އަނުޝްކާ ޝަރުމާ ވެސް ވަނީ ހަމަ މިގޮތަށް މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން ޝޫޓިން އަކަށް ގޮއްސަ އެވެ.
މިއީ އެންމެންނަށް ވަރަށް މަޖާ ކަމަކަށް ވިޔަސް މުމްބައި ފުލުހުންނަށް މިއީ މަޖާ ކަމަކަށް ނުވި އެވެ.
އަމީތާބު ވެސް އަނުޝްކާ ވެސް ސައިކަލުގައި ދަތުރުކުރީ ހެލްމެޓް ނާޅަ އެވެ. އިންޑިއާގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވުމަކީ މަނާ ކަމެކެވެ.
އަމީތާބާއި އަނުޝްކާ ސައިކަލުތަކުގައި މުމްބައިގެ މަގުތަކުގައި ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑީއާގައި ދައުރުވާން ފެށުމުން އެންމެ ފުރަތަމަ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ކޮމެންޓު ކުރަން ފެށީ އާއްމުންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން މުމްބައި ޕޮލިސް ޓެގްކޮށް ޝަކުވާތައް ބަންޑުން ޖަހާލުމާއެކު މުމްބައި ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފަ އެވެ. އަދި ފުލުހުން ކުރި ޓުވީޓެއްގައި ޓްރެފިކް ބްރާންޗަށް މިކަން އަންގާފައިވާ ކަމަށް ބުނެފައި ވެއެވެ.
ގިނަ ބަޔަކު އެންމެ އަޅައިގަތީ ސައިކަލު ދުއްވަން އިންމީހާ ވެސް ހެލްމެޓް ނާޅާ އިނީމަ އެވެ.
އަމީތާބު މީހެއްގެ ސައިކަލު ފަހަތުގައި އިނދެ ނަގާފައިވާ ފޮޓޯ އަމިއްލައަށް ޝެއާ ކުރީ މުމްބައިގެ ޓްރެފިކް ބާރު ބޮޑުކަމުން އެކަމާ ޝަކުވާ ކުރުމުގެ ގޮތުންނެވެ. އަދި އޭނާއަށް މޮޓޯސައިކަލުގައި ރައިޑެއް ދިން މީހާއަށް އަމީތާބުގެ ޓުވީޓުގައި ޝުކުރު އަދާކޮށްފައި ވެއެވެ. ނަމަވެސް މިކަން އެންމެ ފަހުން ވެފައި މިވަނީ ބޮޑު މައްސަލަ އަކަށެވެ. ސައިކަލު ދުއްވި މީހާ އާއި އަމީތާބު ވެސް ކުށްވެރިވީ އެވެ. އަދި މުމްބައި ފުލުހުން މި ދެ މީހުންނާ މެދު ފިޔަވަޅު އަޅާނެކަންވެސް މިހާރު ވަނީ ޔަގީންވެފަ އެވެ.
އަނުޝްކާ ސައިކަލެއްގެ ފަހަތުގައި ދަނިކޮށް ފޮޓޯ ނަގާފައިވަނީ ޕަޕަރާޒީންނެވެ. އޭނާ އިން ސައިކަލު ދުއްވި މީހާގެ ވެސް އަދި އޭނާގެ ބޮލުގައި ވެސް ހެލްމެޓް ނެތެވެ.
މިކަމާ ޝަކުވާ ކުރި ބައެއް މީހުން އެއްކަމެއް ފާހަގަކުރި އެވެ. އަމީތާބު ހެލްމެޓް ނާޅާ އިނީ އަމީތާބް ގެއިން ނިކުން އިރުވެސް ސައިކަލަށް އެރުމުގެ ވިސްނުން ނެތީމާ ކަމެވެ. ނަމަވެސް އޭނާއިން ސައިކަލް ދުއްވަން އިން މީހާ ހެލްމެޓް ނާޅާ އިނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މުމްބައި ފުލުހުން މި މައްސަލަ ބަލައި މި މީހުންނަށް ދޭނެ އަދަބެއް އަދި ނޭނގެ އެވެ. ލަފާ ކުރެވެނީ ޖޫރިމަނާ އަކުން ނިންމާލާނެ ކަމަށެވެ.