މިއުޒިކް

ދަމާގާޑިއާ ސެޝަންސް: އޮޑިޝަނުން ކެޓިޔަސް ލަވަކިޔޭނެ!

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ކެޓިޔަސް އަދި އެ ޝޯގެ އެހެން ހިސާބަކުން ކެޓިޔަސް ބާލީހުގައި ބޯއަޅައިގެން އޮވެ ރޯނެ ކަމެއް ނެތެވެ. ދިވެހި މިއުޒިކަށް ހިދުމަތްކުރުމުގައި އަދި އާ އާޓިސްޓުންނަށް މި ދާއިރާ އިން ފުރުސަތު ހޯދައިދިނުގައި ފޫހިކަމެއް ނެތް އަދި ނިމުމެއް ނެތް ކެމްޕޭނެއް ފަށައިގެން އުޅޭ ޑިންބާ ފެމިލީގެ ހުނަރުވެރިޔާ އަހުމަދު އިޝާން (އިޝާންޓޭ) އެގޮތުގައި ދެމިހުރިހާ ހިނދަކު މާޔޫސްވާނެ ކަމެއް ނެތެވެ.

މިއުޒިކްގެ ދާއިރާ އަށް ވަނުމަށް ޝައުގުވެރިވާ ނުވަތަ ލަވަކިޔުމުގެ ފުރުސަތު ލިބިފައި ނެތް ހުނަރުވެރިންނަށް އޭނާ މިފަހަރު ހުޅުވާލާފައިވާ ޕްލެޓްފޯމަކީ "ދަމާގާޑިއާ" އެވެ. އަބަދުވެސް ތަފާތު ނަމަކުން ނުވަތަ ތަފާތު ގޮތަކަށް މިއުޒިކާއި ލަވަ ހުށަހަޅައި ދިނުމަށް އިސްކަން ދޭ އިޝާންޓޭ "ދަމާގާޑިއާ ސެޝަންސް" ގެ ނަމުގައި ފަށާފައިވާ ސިލްސިލާގެ އެންމެ ބޮޑު އަމާޒަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

މިހާރު އެންމެ ގަދަ އަށް އެ ޝޯއެއްގެ ވާހަކަ ދެކެވޭ މޯލްޑިވިއަން އައިޑޮލް އިން ފުރުސަތު ނުލިބޭ ކުދިންނަށް ލަވަކިޔުމުގެ ފުރުސަތު ހޯދައި ދިނުމެވެ. ވަކިން ހާއްސަކޮށް އޮޑިޝަނުން ފާސްނުވެގެން ކަޓާ ކުދިންނަނީ އިޝާންޓޭގެ މި ޕްރޮޖެކްޓެއްގެ އަމާޒެކެވެ. އެގޮތުން މިހާރު ވެސް އޭނާ ވަނީ އެފަދަ ބައެއް ކުދިން އެއްކޮށް އެ ކުދިންނާ އެކު ލަވަތަކެއް ރިކޯޑްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

"ލަވަކިޔާ ހިތްވާ ކުދިން ހޯދަން އެންމެ ފަސޭހަ ޕްލެޓްފޯމަކަށް އެ އޮތީ މޯލްޑިވިއަން. އަޅުގަނޑުމެން މީގައި ގެނެސްދެނީ ލައިވް މިއުޒިކާއި ވީޑިއޯ ލަވަ، މުޅިން އާ ލަވަ. އަމިއްލަ ރާގު،" ދަމާގާޑިއާ ސެޝަންސްއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިޝާންޓޭ ބުންޏެވެ.

"ބައެއް ކުދިން ކަޓަނީ ގޯސްވެގެންނެއް ނޫން. ދެން އަންނަ މޯލްޑިވިއަން އައިޑޮލްއަކަށް އެފަދަ ކުދިން ތަމްރީންކުރުން ކަހަލަ ކަމެއް މިއީ."

އިޝާންޓޭ އަކީ މީގެ ކުރިން ވެސް މިއުޒިކްގެ ދާއިރާ އަށް ގިނަ އާ މޫނުތަކެއް އަދި އެތައް ހުނަރުވެރިންތަކެއް ތައާރަފްކޮށްފައިވާ ފަރާތެކެވެ.

ދިވެހި އަމިއްލަ ރާގުގެ ދުނިޔެ ފަތަހަކުރި އީސަ އަކީ ވެސް ހަގީގަތުގައި އިޝާންޓޭގެ އުފެއްދުމެކެވެ. އިޝާންޓޭ އާއި އީސަގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުރީގެ މަޝްހޫރު ބޭންޑް "ސީޗައިލްޑް" އިންނެވެ.

އަމިއްލަ ރާގާއި ހިޔާލުފާޅުކުރުމުގެ މާ ބޮޑު މިނިވަންކަމެއް ނެތި އީސައާ އެކު އިޝާންޓޭ ގެނެސްދިން މަޝްހޫރު ބައެއް ލަވަތަކަކީ "ފިލާވަޅު" އާއި "ޖަމަލެއްގެ ސޫރަ" އަދި "ޖެހިޖެހި ވައިގާ" ފަދަ ލަވަތަކެވެ.

"މި ލަވަތަކުގެ ކްރެޑިޓެއް ނުދާނެ އަހަންނާ އެކީ އުޅޭ އެއްވެސް މީހަކަށް އުނިވެގެންނެއް. ކްރެޑިޓް ދާނީ ބޭންޑަށް. ބޭންޑްގެ ނަމަށް،" އެކުގައި އުޅޭ މިއުޒީޝަނުން އަބަދުވެސް އާއިލާއެއްގެ ގޮތުގައި ގެންގުޅެން މަޝްހޫރުވެފައިވާ އިޝާންޓޭ ބުންޏެވެ.

އިޝާންޓޭގެ މޭސްތިރިކަމުގެ ދަށުން ޑިންބާ އިން ވަނީ މިހާތަނަށް ނިކަން ތަފާތު 10 އަލްބަމެއް ނެރެފަ އެވެ. އެއީ ޕޮޕް ލަވަ އާއި ރޮކް ލަވަ އާއި ރެގޭ އަދި ހައުސް ލަވަތަކެވެ.

އަމިއްލަ ރާގުގެ ހިންދީ ލަވަ ވެސް އެބަހުއްޓެވެ. އިޝާންޓޭ ބުނާ ގޮތުން އާދަޔާހިލާފު ލިރިކްސްތަކަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ބޮޑުފެންވަޅުގޭ ސީދީ އާއި ޔޫސުފް މުހައްމަދު ފުޅުގެ ލިޔުންތެރިކަމެވެ.