މެންދަމުން އަލިވެ ތިނެއް ޖެހިއިރު މުޅި މާލެ އޮތީ ނިދާފަ އެވެ. ހޭލެވުނީ މާވަރަކަށް ފޯން ރިންގު ވާތީ އެވެ. ފޯނު ނުނަގަން ހުރެފަވެސް ނެގީ ގާތް ރައްޓެއްސަކަށް ވީމަ އެވެ. އެއޮށް ދަންވަރު ގުޅާނީ މުހިއްމު ކަމެއް ވެގެން ކަމަށް ގަބޫލުކުރެވިގެންނެވެ. ފޯނު ނެގި ނަމަވެސް އެކޮޅުން އިވުނު އަޑުން މުޅި ނިދި ފިލައިގެން ދިޔަ އެވެ.
ފުރަތަމަވެސް އިވުނީ ރަހުމަތްތެރިޔާ ރޯ އަޑެވެ. މިއީ ކައިވެންޏެއްކޮށް ފިރިމީހާ އާއެކު އުޅެމުން އަންނަ ރައްޓެއްސެކެވެ. ބޮޑު ކަމެއްވެއްޖެ ވީކިހިނެއްތޯ އަހާލެވުނީ ބޭއިހްތިޔާރުގަ އެވެ. ފުރަތަމަ އިވުނު ޖުމްލަ އަކީ "އޭނަ މަށަށް ބޭވަފާތެރިވެއްޖެ! މަ ބޭނުމީ ވަރިވާން. މަށަށް އެހީއެއް ވެދީބަލަ" މި އެވެ.
ގަބޫލުނުކުރެވިގެން ދެވަނަ ފަހަރަށް އަހާލުމުންވެސް ބުނީ އެހެންނެވެ. އެވަގުތުވެސް ވަރި އަކީ ހައްލު ނޫން ކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އެވަގުތު އެވާހަކަ ދެއްކުން ރަނގަޅު ނުވާނެތީ ދުވާލު ގަޑިއެއްގައި ވާހަކަ ދައްކާނީ ކަމަށްބުނެ އޭނާ ހަމައަކަށް އަޅުވާލާފައި ފޯނު ބޭއްވީ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ބޭނުން ހިފަން ރަނގަޅު ބައެއް ކަންކަން ހުރެ އެވެ. ތިރީގައި ހިއްސާކޮށްލާނަމެވެ
1. ބޭވަފާތެރިވީ ކީއްވެކަން އޮޅުން ފިލުވުން
ބައިވެރިޔާ ބޭވަފާތެރިވިކަން އެނގުމުން އެގުޅުން ނިންމާލުމަކީ އެއްމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެން އެކަން މެދުވެރިވާން ދިމާވި ސަބަބުތައް ބައިވެރިޔާގެ ކައިރީ އަހައިގެން އޮޅުން ފިލުވާށެވެ. މިއީ އުނދަގޫ ކަމެކެވެ. ނަމަވެސް މިކަމާވެސް ކުރިމަތިލާށެވެ. ދިރިއުޅުމަކީ އުނދަގޫ ދަތުރެކެވެ. ކުރިއަށް ދެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. ބައިވެރިޔާ އެހެން ކަންތައް ކުރާނީ ސަބަބުތަކެއް ހުރީމަ އެވެ. ފަހަރުގައި ތިމާގެ އިހުމާލެއްވެސް އޭގައި އޮވެދާނެ އެވެ. އެހެން ވީމަ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުމަށްވުރެ އެހެންވާން މެދުވެރިވި ސަބަބު ހޯދުން ބުއްދިވެރި އެވެ.
2. ސުވާލުކުރުން
މިއީ ބައިވެރިޔާ އާއި ސުވާލުކުރަންވީ ވަގުތެވެ. ފުސް މޫނު ހަދައިގެން ތިއްބަސް މިކަން ހައްލެއް ނުވާނެ އެވެ. ބޭވަފާތެރިވީ އިރަކާއި އަދި އެކަމުގައި ބައިވެރިވި މީހުންނަކީ ކޮބައިތޯ އަހާށެވެ. ގޯސް ހެދުނީ ކޮންމެ މީހަކަށްވިޔަސް ތެދު ބަހުން ޖަވާބު ދޭށެވެ. އެއީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު ދޮގުތަކެއް ހަދައިގެން ހަލާކުވާނީ ހަމަ ދެމީހުންގެ ދިރިއުޅުމެވެ. ބައވެރިޔާ އާއި ސުވާލުކުރާއިރު އިތުރު މީހަކާއި އަދިވެސް ގުޅުން އޮވޭތޯ އަހަން ވާނެ އެވެ. އަދި އެގުޅުން ނުނިމޭނަމަ އިތުރަށް ކުރިއަށް ގެންދަން ބޭނުންވޭޓޯވެސް ބަލަންވާނެ އެވެ. އެގުޅުން ނިންމާލަން ބޭނުންވާނަމަ ބައިވެރިޔާއަށް އެހީތެރިވާން ވާނެ އެވެ. ތިބާގެ ހިތްވަރާއި އެހީ އަކީ ވަރަށް މުހިއްމު އެއްޗެކެވެ.
3. ކެތްތެރިވުން
މިއީ އެއްމެ މުހިއްމު ކަމެވެ. ކެތްތެރިކަން ނެތިއްޖެނަމަ މައްސަލަ އިތުރަށް ގޯސްވާނެ އެވެ. އަޑުއިވެމުންދާނީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ބައިވެރިޔާއަށް މާފުކުރި ނަމަވެސް ކުރިން ކުރި އިތުބާރު ނުކުރެވޭނެކަން އެނގެ އެވެ. އެހެން ނަމަވެސް އެވާހަކަ އަބަދު ދައްކައިގެން ނުވާނެ އެވެ. އޭރަށް ބައިވެރިޔާއަށް އަދިވެސް މާފުނުކުރެވޭ ކަމަށް ހީވާނެ އެވެ. ކުރިންވެސް ކަންތައްކުރި ފަދައިން އޯގާތެރިކަމާއި ލޯތްބާއެކު ކުރިއަށް ދާށެވެ. ކުރިން ގޯހެއް ހެދިފައި އިންނަމަ އެކަމަށް ސަމާލުވާން ވާނެ އެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ އެވެ.