އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޓީމުގެ ބޭފުޅުން ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެކޮޅު ހައްދަވައިފި އެވެ.
މިހުށަހެޅުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދުގެ ޓީމުން ގާސިމާ އެކު މަސައްކަތް ކުރުމަށް ހުށަހެޅި އެންމެ މުހިއްމު ހުށަހެޅުމެވެ.
ޖޭޕީގެ ކައުންސިލް ބައެއް މެންބަރަކު މިއަދު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ނަޝީދުގެ ޓީމުން ޖޭޕީއާ އެކު މަސައްކަތް ކުރުމަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތީ ގާސިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވުން ކަމަށެވެ.
ގާސިމާ ހަވާލާދީ އަވަސްއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނަމަކީ ރިޔާސީ ނިޒާމާ ގުޅުވައިގެން ކިޔާފައިވާ ނަމަކަށް ވާތީ އާއި، ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ވޯޓަކުން ކަނޑައެޅީ ގާސިމްގެ ވަރަށް ބޮޑު ހިއްސާއަކާ އެކު އެކުލަވާލި ފެހި ގާނޫނުއަސާސީއާ ގުޅިގެން ކަމަށްވުމުން، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގާސިމު ދެކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
"ނިމިގެން ދިޔަ ހަ ރޯދައިގެ ތެރޭގައި ޖޭޕީގެ އިސް ބޭފުޅުންނާ އެކު ގާސިމް ވަނީ ޕެރަޑައިސް ރިސޯޓްގައި ރޯދަ ވީއްލުމެއް ބާއްވާފައި. އެ ބައްދަލުވުމުގައިވެސް ގާސިމް ތަކުރާރުކޮށް ވިދާޅުވީ އަޅުގަނޑުމެންނަކީ ޖުމްހޫރީ ޕާޓީއޭ. އެހެންވީމާ ބަރުލަމާނީއަކަށް ނިޒާމު ބަދަލެއް ނުކުރެވޭނެއޭ. ޖޭޕީއާ ގުޅިވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވާނެ ފަދަ ގޮތަކަށްވެސް ވާހަކަދެއްކެވި،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގާސިމު ދެކޮޅުކަން ރައީސް ނަޝީދުގެ ޓީމަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ޖޭޕީގެ ކަމާ ގުޅޭ ބޭފުޅުންނާއި ރައީސް ނަޝީދުގެ ޓީމުގެ ބޭފުޅުންގެ މެދުގައި އަދިވެސް ބައްދަލުވުންތައް ކުރިއަށް ގެންގޮސް ހިޔާލު އެއްގޮތް ކުރެވެން ހުރި ކަންކަމުގައި ހިޔާލު އެއްގޮތް ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާސިމް އިބްރާހީމް ވަނީ މީގެކުރިންވެސް ތަކުރާރުކޮށް ދެކޮޅު ހައްދަވާފަ އެވެ. އަދި އާންމު ފޯރަމުތަކުގައިވެސް އެމަނިކުފާނު އެކަން ހާމަކުރައްވާފައިވެ އެވެ.
ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ ގައުމުގައި ހައްލުކުރަން ހުރި ކަންކަން މުހިއްމު ކަމަށްވާތީ އެ މައްސަލައަށް އިސްކަން ނުދެއްވާ ކަމަށް ވިދާޅުވެފަ އެވެ.