ތުރުކީ

ތުރުކީގެ ރިޔާސީ އިންތިހާބު: ދެވަނަ ބުރުގައި ވާނީ ކިހިނެއް

މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ތުރުކީ ވިލާތުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މިދިޔަ ހޯމަ ދުވަހު މިވަނީ ނިމިފަ އެވެ. މި އިންތިހާބުގައި މިހާރުގެ ކޮންޒަވެޓިވް ރައީސް އުރުދުޣާން އާއި އިދިކޮޅު ސެކިއުލާ ލީޑަރު ކަމާލް ކިލިޖްދަރްޟޫ، ނެޝަނަލިސްޓް ލީޑަރެއް ކަމުގައިވާ ސިނާން އޫއާން އަދި ކުރީގެ އިދިކޮޅު ސެކިއުލާ ލީޑަރު މުހައްރަމް އިންޖާ ވަދަކުރައްވާފައިވެ އެވެ.

ހޯމަ ދުވަހުގެ އިންތިހާބާ ހަމައަށް އާދެވުނުއިރު ކުރީގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު މުހައްރަމް އިންޖާ ވަނީ ފަހު ވަގުތު ނަން އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް އިންތިހާބު ބޭއްވިއިރު ވޯޓު ކަރުދާސް ކޮޅުގައި މުހައްރަމްގެ ނަންވެސް އޮތެވެ. އެއީ ނަން އަނބުރާ ގެންދިއުން މާބޮޑަށް ލަސްކުރެއްވުމުންނެވެ.

މި އިންތިހާބަކީ ތާރީހީ ގޮތުންވެސް އެހެން ބައެއް ގޮތްގޮތުންވެސް މުހިއްމު އިންތިހާބެކެވެ.

ފުރަތަމަ ކަމަކީ މި އިންތިހާބަކީ ތުރުކީގައި ފުރިހަމަ ރިޔާސީ ނިޒާމެއްގެ ދަށުން ބޭއްވޭ ދެވަނަ އިންތިހާބު ކަމުގައިވުމެވެ. ތުރުކީގައި 2017 ވަނަ އަހަރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ (ރެފަރެންޑަމަކުން) ވަނީ ވަރަށް ބޮޑު ތާއީދަކާއެކު ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކޮށްފަ އެވެ. އޭގެ ކުރިން 1946 އިން ފެށިގެން ތުރުކީގައި އޮތީ ބަރުލަމާނީ ނިޒާމެކެވެ. ބަރުލަމާނީ ހަޔާތުގައި 2002 އާއި ހަމައަށް ތުރުކީގައި ސިޔާސީ ހަމަނުޖެހުން ބޮޑު މާޒީއެއް ވަނީ ފެނިގެން ގޮސްފަ އެވެ. އަދި މީގެތެރެއިން އެކިފަހަރުމަތީން އިންތިހާބުތައް ބޭއްވިފައިވާއިރު އަސްކަރިއްޔާ އިން ވަނީ އެކިފަހަރުމަތީން ބަޣާވާތްކޮށް ސަރުކާރުތައް ވައްޓާލާފަ އެވެ.

ދެވަނަ ކަމަކީ މިއީ ރައީސް އުރުދުޣާން 2002 އިން ފެށިގެން ތުރުކީގެ ޒައާމަތުގައި ހުންނަވައިގެން ބާއްވާ ރިޔާސީ އިންތިހާބަކަށް ވުމެވެ. ތުރުކީގައި 2002 އިން ފެށިގެން ރައީސް އުރުދުޣާން ވަނީ ބޮޑު ވަޒީރުކަން ކުރައްވަމުން ވަޑައިގެންފަ އެވެ. އަދި 2007 ވަނަ އަހަރު ތުރުކީގެ ރައީސް ކަމަށް ކުރިމަތިލައްވައި އިންތިހާބުވެވަޑައިގަތެވެ. ރައީސް އުރުދުޣާން ވަނީ 2014 ގައިވެސް އަދި ރިޔާސީ ނިޒާމެއްގެ ދަށުން 2018 ގައި އެންމެ ފުރަތަމަ ބޭއްވި އިންތިހާބުވެސް ކާމިޔާބު ކުރައްވާފަ އެވެ.

ފާއިތުވި 20 އަހަރުގެ މުއްދަތުގައި ރައީސް އުރުދުޣާން ނިސްބަތްވާ އޭކޭ ޕާޓީން ވަނީ ކޮންޒަވެޓިވް އެހެން ފިކުރުތަކުގެ ޕާޓީތަކާއެކު ތުރުކީގައި ބޭއްވުނު ހުރިހާ އިންތިހާބެއްހެން ކާމިޔާބުކުރައްވާފަ އެވެ. ހަމައެކަނި 2015 ވަނަ އަހަރު ޖޫން މަހު ބޭއްވުނު އާންމު އިންތިހާބުގައި އައުލަބިއްޔަތު ނުލިބުން ފިޔަވަ އެވެ. ނަމަވެސް އެފަހަރު އެއްވެސް ޕާޓީއަކަށް އައުލަބިއްޔަތު ނުލިބުމުން އެއަހަރުގެ ނޮވެމްބަރު މަހުގައި އަލުން ބޭއްވި އިންތިހާބުގައި އަނެއްކާވެސް އޭކޭ ޕާޓީން އިންތިހާބު ކާމިޔާބު ކުރި އެވެ.

މިދިޔަ 20 އަހަރުގެ މުއްދަތުގައި ރައީސް އުރުދުޣާން ވަނީ ތުރުކީއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާފަ އެވެ. ކުރީގެ މަޝްހޫރު މުސްލިމުންގެ ދައުލަތް އޮޓޯމަން އެމްޕަޔާގެ ޝަހުސިއްޔަތު އަލުން އަނބުރައި ހޯދުމަށް އެމަނިކުފާނު ވަނީ ތުރުކީ، ވިލާތާ ދިމާލަށް އަނބުރާލައްވާފަ އެވެ. ރައީސް އުރުދުޣާންގެ ޒައާމަތުގައި ތުރުކީގެ ގައުމިއްޔަތާއި އިސްލާމީ ވަހުދަތު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާފަ އެވެ. އެގޮތުން ތުރުކީ ވަނީ އަމިއްލަފައި މައްޗަށް ކޮޅަށް ތެދުވެފަ އެވެ.

މިއަދު ތުރުކީއަކީ އެގައުމުގެ ދިފާއު އަމިއްލައަށް ދެމެހެއްޓޭނެ ފަދަ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކަށް ވަނީ ހައްދަވާފަ އެވެ. ދުނިޔޭގައި މިވަގުތު ޑިޕްލޮމަސީގެ ދާއިރާގައި ބައިނަލްއަގުވާމީ ނަން ހިނގާ ބާރުގަދަ ގައުމަކަށް ތުރުކީ ވިލާތް ވަނީ ހަދާފަ އެވެ. މީގެ އިތުރުން ދުނިޔޭގައި 19 ވަނައަށް އެންމެ ބާރުގަދަ އިގްތިސޯދު ކަމުގައި ހައްދަވައި އިގްތިސޯދީ ބާރުގެ ތެރޭގައި ތުރުކީ އަކީ މިއަދު ބަސްބުނާ ގައުމަކަށްވެސް އެމަނިކުފާނު ވަނީ ހައްދަވާފަ އެވެ.

ހޯމަ ދުވަހު ބޭއްވުނު އިންތިހާބަކީ ތުރުކީގެ މުސްތަގުބަލް އިތުރަށް ވަރުގަދަ ކުރުމާއި ގުޅިފައިވާ އެންމެ މުހިންމު އެއް އިންތިހާބެވެ. މި އިންތިހާބު ނިމިގެން ދިޔައިރު ފެނިގެންދިޔައީ ރައީސް އުރުދުޣާނަށް ތުރުކީގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އަދިވެސް އޮތް މިންވަރެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި ރައީސް އުރުދުޣާން އަށް ވަރަށް މަދު ވޯޓުކޮޅެއް ނުލިބި އެއްބުރުން އިންތިހާބު ނެގޭ ގޮތް ނުވީ އެެވެ.

ލަފާކުރެވޭ ގޮތުގައި ރައީސް އުރުދުޣާނަށް މި އިންތިހާބު އެހެން އިންތިހާބުތަކާއި ހިލާފަށް އުދަނގޫވީ ތުރުކީގައި ފާއިތުވި 20 އަހަރު އުރުދުޣާންގެ ވެރިކަމެއް އޮތުމުން ތުރުކީގެ ޒުވާނުން ބަދަލަކަށް ބޭނުންވުމުންނެވެ. އަދި ތުރުކީގައި އިންފްލޭޝަން މަތިވެ ތަކެތީގެ އަގުބޮޑުވެ އިގްތިސޯދީ މައްސަލަތަކެއްގެ ތެރޭގައި އޮތުމަކީ ވެސް ސަބަބެކެވެ. މީގެ އިތުރުން ސެކިއުލާ ފިކުރުތަކާއި ދެކޮޅަށް އެމަނިކުފާނު ހަރުކަށި ގޮތެއް ބަހައްޓަވަމުން ވަޑައިގަންނަވާތީ ކޮންމެެވެސް މިންވަރެއްގެ ފާޑު ކިޔުންވެސް ކުރިމަތިވެފައިވެ އެވެ. އަދި ހަމަ ސީރިއާގެ ރެފިއުޖީންގެ މައްސަލައާއި ތުރުކީ އަށް މިދިޔަ 100 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުން މިދިޔަ ފެބްރުއަރީ މަހު އައިސް އެތައް ބަޔަކު ހާލުގައި ޖެހި 50،000 އަށްވުރެ ގިނަ މީހުން މަރުވެގެން ދިއުމަކީވެސް އުރުޣާންއަށް އިންތިހާބު އެއްބުރުން ކާމިޔާބުކުރަން ދިމާވި ގޮންޖެހުންތަކެކެވެ.

ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމުން އިންތިހާބުގެ ދެވަނަ ބުރެއް މިމަހު 28 ގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ. ދެވަނަ ބުރެއް ބާއްވަން ނިންމާފައިވާއިރު ދެވަނައަށް ވަޑައިގެން ކަމާލް ވަނީ ވޯޓުގެ 44.89 ޕަސެންޓް ހޯއްދަވާފަ އެވެ. އިންތިހާބުގައި ތިންވަނަ އަށް ވަޑައިގެން ސިނާން އޫއާން ވަނީ 5.17 ޕަސެންޓް ހޯއްދަވާފަ އެވެ. ރައީސް އުރުދުޣާނަށް ލިބިވަޑައިގަތީ 49.50 ޕަސެންޓެވެ. ރައީސް އުރުދުޣާނަށް އިންތިހާބު އެއްބުރުން ކާމިޔާބު ނުވީ ހަމަ ކިރިޔަކިރިޔާ އެވެ.

ތުރުކީ ރައްޔިތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ތައްޔާރުވަމުންދާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް ވަޑައިގެންނެވި ސިނާން އޫއާން އަކީ ނެޝަނަލިސްޓް ބޭފުޅެކެވެ. ސިނާން މިވަގުތު ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ބުރުގައި ބައްލަވާނީ ގައުމިއްޔަތަށް އިސްކަން ދެއްވާ ބޭފުޅަކާއި އެބޭފުޅެއްގެ ގާބިލް ކަމަށެވެ. އެގޮތުން މިވަގުތު އެންމެ ފާހަގަވާ މުހިއްމު އެއްކަމަކީ ސިނާނަކީ ރައީސް އުރުދުޣާންގެ ފުޅާ ނެޝަނަލިސްޓް ކޯލިޝަނަށްވެސް ނިސްބަތްވާ އެމްއެޗްޕީގެ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމެވެ.

އެހެންކަމުން މި އިންތިހާބުގެ ދެވަނަ ބުރު ބާއްވާއިރު ސިނާންގެ ތާއީދު އޮތް ހުރިހާ ވޯޓެއް އިދިކޮޅަށް ގޮސްގެން މެނުވީ ރައީސް އުރުދުޣާންގެ ފުރަތަމަ ބުރުގެ ބޮޑު ކާމިޔާބު ބަލިކޮށްލެވޭނެ ކަމަކަށް ނުބެލެވެ އެވެ.