މޯލްޑިވިއަން އައިޑޮލް

އެންމެން ހެއްވާލި ސެކިއުރިޓީ ގާޑުގެ ވާހަކަ އެހާ އުފާވެރިއެއް ނޫން!

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އެޕިސޯޑްގެ ރޭޓިން އެވަރަށް މަތިވުމުގެ އެއް ސަބަބަކީ އެ ޝޯގައި ބެލުންތެރިންނާ ބައްދަލުކުރި ސެކިއުރިޓީ ގާޑް، މުހައްމަދު ހާރިޝްކަން ޔަގީނެވެ. އުމުރުން 21 އަހަރުގެ މި އާދަޔާހިލާފު މި ކެރެކްޓާ އަށް އޮޑިޝަނުގައި ގޯލްޑެން ޓިކެޓް ނުލިބު ނަމަވެސް އޭނާ ވެގެން ދިޔައީ ޝޯގެ ނިކަން ބޮޑު ހިޓަކަށެވެ.

ހިޓަކަށްވީ ހާރިޝްގެ ކެރެކްޓާއެކެވެ.

އޭނާގެ ވާހަކަ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތަކަށް ފަހު މިގޮތަށް ގެންނަން މި ޖެހުނީ ވެސް އެހެންވެގެން ނެވެ. ހާރިޝް އަކީ ޝޯގެ އެހެން ހުރިހާ ބައިވެރިންނަށް ވުރެ ވެސް ތަފާތު މީހެކެވެ. ފަހަރެއްގައި އެއް ބަޔަކަށް އޭނާ ވަރަށް މަޖާވެދާނެ އެވެ. އަދި ޝޯގައި އޭނާ ގެނެސްދިން ގޮތުން ހިނިގަނޑު ފަޅައިގެން ސިޓިންރޫމަށް ބިނދިވެސްދާނެ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ! ގއ. ދާންދޫ އަށް އުފަން މި ޒުވާނާ އަކީ އަދި އާދައިގެ މީހެއް ނޫނެވެ. ދުވާލުގެ ހަތަރު ދަމު ނިކަން ބުރަކޮށް މަސައްކަތުގައި އުޅޭ މީހެކެވެ. ހަމަ ވަރަށް ވެސް ބިޒީ އެވެ. އެހެންކަމުން އޭނާގެ އިންޓަވިއުއެއް ނަގަން ގޮސް، ހަފުތާ ބަންދުގެ މޯލްޑިވިއަން އައިޑޮލް އަށް ކުރެވޭ އިންތިޒާރެއްހެން އެހެރަ ވެލާނާގޭ އިމާރާތުގެ ބޭރުގައި އަޅުގަނޑުމެންނަށް ވެސް ޖެހުނީ މަޑުކޮށްލާށެވެ.

އެގޮތަށް ގާތްގަނޑަކަށް ގަޑިއެއްހާއިރު މަޑުކޮށްލައިގެން ތިބިއިރު އެތަނުގެ ފޯރިއަށް ތިބި އެހެން ސެކިއުރިޓީ ގާޑުންނާ އަނގަތަޅާލެވި ހާރިޝްއާ ބެހޭ މައުލޫމާތު ވެސް އެއްކޮށްލެވުނެވެ. އެކަމަކު ހާރިޝްއެއް ހޯދަން ގޮސްގެން އެންމެ ފުރަތަމަ ދިމާވީ ކާކާކަން އެނގޭ ހެއްޔެވެ؟

ހާރިޝްގެ "މިނީ ހާރިޝް" އަކާ އެވެ. އެއީ ހާރިޝްގެ ކޮއްކޮ، އަހުމަދު ފަރުހާދު އަލީ އެވެ. އުމުރަކީ 18 އަހަރެވެ. އެކަމަކު ފެންނަ ފެނުމަށް އޭނާ ހީވާނީ 12 ނުވަތަ 13 އަހަރުގެ ކުޑަ ކުއްޖެއްހެންނެވެ. އުމުރުން 18 އަހަރުވެފައިވާކަން އެނގުނީ ވޮލެޓުން އައިޑީކާޑު ނަގައި ދައްކާލުމުންނެވެ.

ފަރުހާދު އާއި ހާރިޝްގެ ސިފަވަކިކުރެވެނީ ހަމަ ކިރިޔާ އެވެ. ދެ މީހުންގެ މިޒާޖާއި ވާހަކަ ދެއްކުމުގެ ރާގާއި ސުވާލުތަކަށް ޖަވާބު ދޭ ގޮތް ވެސް ހަމަ ވަރަށް އެއްގޮތެވެ.

ހާރިޝްއާ ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެންނަށް ލިބުނީ އޭނާގެ މި ކޮއްކޮ، ފަރުހާދުގެ ވާހަކަ އެވެ. އުމުރުން 18 އަހަރުގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރަން ޖެހުނު ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ފަށައިގަތީ ހިތްދަތި ވާހަކަ އެކެވެ. ނުކިޔެވުނު ވާހަކަ އާއި ސްކޫލްގައި އެހެން ދަރިވަރުންގެ ޝިކާރައަކަށް ބަދަލުވި ގޮތުގެ ވާހަކަ އާއި އެކުވެރިން ނެތް އެކަނިވެރި ދިރިއުޅުމެއްގެ ވާހަކަ އެވެ.

"ފްރެންޑުން ނުތިބޭނެ. ބެސްޓް ފްރެންޑެއް ނެތް،" ވަޒީފާ އަަދާނުކުރާ ގަޑިތަކުގައި އެކުވެރިންނާ އެކު ވަގުތު ހޭދަކުރުމެެއް ނޯވޭ ސުވާލުކުރުމުން ފަރުހާދު ބުންޏެވެ.

"ސްކޫލުން ވެސް ކެނޑުނީ ގްރޭޑް ހައެކާ ހިސާބުން. ކުދިން ތަޅާތީ ސްކޫލުން ކެނޑުނީ. ހައެކުން ކެނޑިގެން ގޭގައި ހުރީ."

އެހެން އުޅުމަށް ފަހު އޭނާ މި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަށް ނުކުތްތާ އަދި ދެ މަސް ވެސް ނުވެ އެވެ.

"މިތަނުގައި އަށްގަޑިއިރު މަސައްކަތްކޮށްގެން ލިބޭ 3،500ރ. އެކަމަކު މި ހަދަނީ 16 ގަޑިއިރު އާންމުކޮށް،" ވަޒީފާ އަދާކުރާ ގޮތް ފަރުހާދު ކިޔައިދިނެވެ.

"މިއަދު އާދެވުނީ ހެނދުނު ނުވަގަޑި ފަނަރައިގަ. މިއަދު ނުހޭލެވުނީ. އެހެން ދުވަސްދުވަހު އަންނަނީ ހަތެއްް ޖަހާއިރު. ދެން ނުދަން ގެއަކަށް."

އެއީ ތެދެކެވެ. ދެން އޭނާ ގެއަކަށް ނުދެއޭ ބުނެވިދާނެ އެވެ. ބްރޭކް ގަޑިއެއް ލިބުނަސް ގެއަކަށް ނުދެ އެވެ. ދަންވަރު 12 ނުވަތަ އެކެއް ޖަހަންދެން ވެލާނާގޭ އިމާރާތުގެ ހިމާޔަތުގަ އެވެ.

ފަރުހާދުގެ ވާހަކައެއް މިހައި ހިސާބަކަށް ދިޔަތަނުން، މާ ދުރުން މީހަކު ގޮވާލާފައި އަދި އިރުކޮޅަކަށް މަޑުކޮށްލާށޭ ބުނެފި އެވެ. އެއީ މޯލްޑިވިއަން އައިޑޮލް އިން އެންމެން ހެއްވާލި ސެކިއުރިޓީ ގާޑް ހާރިޝް އެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ހާރިޝް ފެނުނުއިރު އޭނާގެ ކޮއްކޮ ފަރުހާދު ވެސް އެ އޮޑިޝަނުގައި ބައިވެރިވި އެވެ. އެކަމަކު އޭނާ އަށް ސްކްރީން ޓައިމް ވެސް ނުލިބުނީ އެވެ.

ފަރުހާދުގެ ވާހަކަ ނިންމާލާފައި ދެން މާ ގިނަ އިރުތަކެއް ނުވެ ކުރު ފިޔަވަޅުތަކެއް ޖަހަމުން އައި ހާރިޝް އަޅުގަނޑުމެންނާ އަރާ ހަމަކޮށްލައިފި އެވެ. ދެން އޭނާ ދޭން ފެށީ ވެސް އެހާ ކުރު ޖަވާބެވެ.

ހާރިޝް އަކީ އަބަދުވެސް ސެކިއުރިޓީ ގާޑެެކެވެ. އޭނާ ބުނީ ވަޒީފާ އަށް ނުކުތީ 2013 ވަނަ އަހަރުގައި ކަމަށާއި މިހާރު ވަޒީފާ އަދާކުރާ ކުންފުނީގެ ސެކިއުރިޓީ ގާޑުންގެ ތެރެއިން އޭނާ އަކީ ލާންސް ކޯޕްރަލްއެއްގެ މަގާމުގައި ހުރި ގާޑެއް ކަމަށެވެ.

ވެލާނާގޭގައި ދަންވަރުގެ ފޯރި އަށް ތިބި ގާޑުންގެ ތެރޭގައި ވެސް އެންމެ ސީނިއާ ގާޑަކަށް ހުރީ ހާރިޝް އެވެ. އޭނާ ބުނީ ވަޒީފާ އަދާކުރަމުން އިތުރު ކަމެއް ކުރުމަކީ ވަރަށް ދަތި ކަމެއް ކަމަށް ވިޔަސް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވީ ކުޑައިރުއްސުރެން ފެށިގެން ވެސް ލަވަކިޔަން ހާއްސަ ޝައުގުވެރިކަމެއް ހުންނާތީ ކަމަށެވެ.

"ކުޑައިރުއްސުރެ ވެސް ލަވަކިޔާހިތްވޭ. އެންމެ ގިނައިން ކިޔެނީ އަލީ ރަމީޒާއި އުމަރު ޒާހިރުގެ ލަވަތައް. އެމީހުންގެ ލަވަ ރީތީ. ކޮޕީއެއް އަސްލެއް ނީންނާނެ ދޯ ދެން އޭގަ. ރީއްޗަށް ކިޔަންޏާމު ނިމުނީ އަޅުގަނޑަށް،" ހާރިޝް ބުންޏެވެ.

ހާރިޝްގެ ދުވަސް ފެށެނީ ހެނދުނު ހަތް ގަޑި ބައިގަ އެވެ. އެގަޑީގައި ވަޒީފާ އަށް ނުކުންނަ ގޮތަށް އޭނާ ވެސް ދެން ގެއަކަށް ނުދެ އެވެ. ބްރޭކެއް ވެސް ނުނަގަ އެވެ.

"ހެނދުނު ހަތްގަޑީބައިގައި އަންނަ ގޮތަށް ރޭގަނޑު ދަންވަރު 12 ޖަހަން ދެން އުޅެނީ. ރޭގަނޑު 12 ޖަހާއިރު ނިދާލާފަ ހެނދުނު އަށެއް ޖަހާއިރު އަނެއްކާ ޖޮބަށް. އިތުރު އެއްވެސް ކަމެއް ނީނދޭ،" ހާރިޝް ކިޔައިދިނެވެ.

"ބްރޭކެއް ނުނަގަން. ނަގާހިތެއް ނުވޭ ބްރޭކެއް. ވަރުބަލިއެއް ވެސް ނުވޭ. މި ތަން ބެލެހެއްޓުން، އެއީ މަސައްކަތަކީ. އިމާރާތް ބެލެހެއްޓުން."

ހާރިޝްގެ ޖަވާބުތައް މިފަދަ ގޮތަށް ގަތައިގެން ދިގުކޮށްފައިވިޔަސް އޭނާގެ ޖަވާބުތައް އަސްލު ވަރަށް ވެސް ކުރެވެ. އަބަދު އެގޮތަށް މާ ގިނަ ވާހަކައެއް ނެތި ކުރުކޮށް ޖަވާބު ދެނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނީ އެހާ ގިނައިން ވާހަކަ ދައްކާ ހިތެއް ވެސް ނުވާ ކަމަށެވެ.

"މާ ގިނަ ވާހަކަ ދައްކާ ހިތެއް ނުވޭ. ގޭގައި ވެސް ނުދައްކަން ވާހަކައެއް. ހަމަ ކުރު ޖަވާބު ދޭނީ އަބަދުވެސް،" ހާރިޝް ބުންޏެވެ.

އޭނާ ބުނީ އޮޑިޝަނުގައި ދިމާވި ގޮތަކުން ވެސް މާ ބޮޑު އެއްޗެއް ހިތަކަށް ނާރާ ކަމަށެވެ.

"އޮޑިޝަންގައި ލަވަކީމަ ޖަޖުން ނުބުނޭ ލަވައެއް ނުކިޔޭނެއެކޭ. ބުނެފައި އޮންނާނީ އަދި ކުޑަކޮށް ފަރިތަކޮށްލައިގެން އަންނާށޭ. އެހެން ބުނީމަ މާ ބޮޑު އެއްޗެއް ހިތަކަށް ނާރާ. ދެން އަހަންނަށް އެނގޭ އެހާ ބޮޑަށް ޕްރެކްޓިސްކޮށްގެން ނޫންކަން އޮޑިޝަނަށް ދެވުނީ ވެސް. ޑިއުޓީގައި އުޅެލާފައި ދިޔައީ،" ހާރިޝް ބުންޏެވެ.

"މަންމައަކަށް ނޭނގޭނެ އަޅުގަނޑު އޮޑިޝަނަށް ދިޔަ ކަމެއް ވެސް. ޓީވީ އަށް އެރި ކަމެއް ވެސް. މި ތަނުގައި ތިބޭ ކުދިންނަށް ވެސް އެނގުނީ ޓީވީ އިން ފެނުނީމަ."

ހާރިޝް އާއި އޭނާގެ ދެ ކޮއްކޮ އަދި ދައްތަ އާއި މަންމަ އާއި ދޮންބައްޕަ މާލޭގައި ދިރިއުޅެމުން ދަނީ 7000ރ. އަށް ކުއްޔަށް ހިފާފައިވާ ތަނެއްގަ އެވެ. ހާރިޝް ބުނީ އޭނާގެ ހުވަފެން ވަރަށް ވެސް ބޮޑު ކަމަށާއި އެ ހުވަފެނުގެ ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ކަމަށެވެ.

އަދި ލިބޭ މުސާރައިން މާ ބޮޑު ހޭދައެއް ނުކުރާ ކަމަށާއި އާންމުކޮށް ކަންކަން ހަމަޖައްސާލަނީ 1000ރ. އިން ކަމަށް ވެސް ބުންޏެވެ. ބާކީ ހުރިހާ އެއްޗެއް ސޭވްކޮށްލަނީ އެވެ.

"ބައެއް ފަހަރު ޖެހޭ 10،000 ރ. ވެސް. އެ ވަރު ލިބެނީ ކިހިނެތް ކަމެއް ނޭނގޭ. ސޭވްކުރެވޭ ވަރެއް ވެސް ނުބަލަން. އާންމުކޮށް ލިބޭ މުސާރައިން ބޭނުންކުރަނީ 1000ރ. ވަރު. ސޭވްކުރަން ފެށިތާ މިހާރު ދެ ތިން މަސްވަނީ،" ހާރިޝް ބުންޏެވެ.

ހާރިޝް ބުނީ އެހުރިހާ ފައިސާއެއް އެއްކުރަނީ ހުވަފެން ހަގީތަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

"ޑްރީމަކީ ކޮބައިކަން އެއްވެސް މީހެއް ކައިރީގަ ނުބުނެވޭނެ. އެއްވެސް، އެއްވެސް ބައެއް ކައިރީގައި އެ އެއްޗެއް ހިއްސާއެއް ނުކުރެވޭނެ. ހިންޓެއް ވެސް ނުދެވޭނެ."

"ޑްރީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ނެތް ދެވޭކަށް. ސޮރީއޭ ބުނެވޭނީ."