ފިނިޕޭޖް

ބިޔޯންސޭ ރެނޯސެންސް ޓުއާގައި ބޭނުންކުރާ އަލިމަސްޖެހި އިޔާޕީޒް

ލަވަކިޔުންތެރިޔާ ބިޔޯންސޭއަކީ ހައި-ފެޝަން ހެދުމާއި ކޮސްޓިއުމް ލުމުގެ އިތުރުން އަގު ބޮޑެތި އެއްޗެތި ގެންގުޅެ އަދި ހީނުކުރާ ކަންކަން ސްޓައިލުގައި ކުރާ މަހުޖަނެކެވެ.

ބޮޑު ފަންކާއެއް ހިފައިގެން ރެސްޓޯރަންޓަކަށް ކާން ދިއުމާއި ދަރިފުޅު ބްލޫ އައިވީ އަށް 80،000 ޑޮލަރުގެ އަލިމަސް ޖެހި ބާބީ ޑޯލެއް ގަނެދިނުމާއި 300،000 ޑޮލަރުގެ ހައިހީލްސް ގެންގުޅުމާއި ފްލޮރިޑާ ކައިރިން ޕްރައިވެޓް ރަށެއް ގަތުމާއި އަދި 1 މިލިއަން ޑޮލަރުގެ އަގު ހުރި ވިގް ކަލެކްޝަނެއް ގެންގުޅުމަކީ މީގެ ތެރެއިން ބައެއް ކަންކަމެވެ.

ބިޔޯންސޭގެ ޓިކެޓްތައް ވިކި ހުސްވެފައިވާ ރެނޯސެންސް ޓުއާ ފަށައިގެން އުޅޭއިރު، ބޮޑެތި ޑިޒައިނަރުންގެ އަވަން-ގާޑް ކޮސްޓިއުމްތައް އޭނާ ބޭނުންކުރެ އެވެ. ބިޔޯންސޭ މިފަހަރު ޓުއާގައި ބޭނުންކުރާ އެންމެ މުހިއްމު ގަހަނާއަކީ ޓިފަނީ އެންޑް ކޯ އިން ހާއްސަކޮށް ޑިޒައިންކޮށްފައިވާ 4.5 ކެރެކްޓްގެ އަލިމަސް ޖަހާފައިވާ ޕްލެޓިނަމް އިޔާޕީސް އެކެވެ.

ބިޔޯންސޭގެ ވެބްސައިޓްގައި ހިއްސާކޮށްފައިވާ ޓުއާގެ ފޮޓޯއަކުން މި އިޔާޕީސްގެ ކައިރިން ފެންނަ ފޮޓޯއެއް ޕޯސްޓްކޮށްފައިވެ އެވެ. އެ އިޔާޕީސް އޮތީ ކަޅުކުލައިގެ ކޭސްއެއްގެ ތެރޭގައި ޓިފަނީގެ ސިގްނޭޗާ ނޫ ކުލައިގެ ޕައުޗް އަކާ އެކުގައެވެ.

ބިޔޯންސޭއަކީ ޓިފަނީ އެންޑް ކޯގެ އެމްބެސެޑަރެކެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު ބިޔޯންސޭ ވަނީ ޓިފަނީގެ އެންމެ އަގު ބޮޑު އަލިމަސް ފަށް "ދަ ހިސްޓޮރިކް 1939 ވޯލްޑްސް ފެއާ ނެކްލެސް" އެޅި ފުރަތަމަ މީހާއަށް ވެފަ އެވެ.