ފިނިޕޭޖް

ބްލޭކް ޝެލްޓަންގެ ބަދަލުގައި ރީބާ މެކްއެންޓާޔާ "ދަ ވޮއިސް" އަށް

ބްލޭކް ޝެލްޓަންގެ ބަދަލުގައި އަންނަ ސީޒަނަށް "ދަ ވޮއިސް"ގެ ކޯޗަކަށް އަންނަނީ ކަންޓްރީ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ރީބާ މެކްއެންޓާޔާ އެވެ.

އުމުރުން 68 އަހަރުގެ ރީބާއާ އެކު ފެންނާނީ ޖޯން ލެޖެންޑް، ބްލޭކްގެ އަންހެނުން ގްވެން ސްޓެފާނީ އަދި ވަން ޑައިރެކްޝަންގެ ނިއާލް ހޯރަން އެވެ.

ރީބާ ބުނީ އޭނާ މިއަންނަނީ ބްލޭކްގެ ބަދަލުގައި ކަންޓްރީ ތަމްސީލުކުރަން ކަމަށާއި ބްލޭކްގެ ރޯލަކީ ވަރަށް ބޮޑު އަދި ފުރަން ބޮޑު ރޯލެއް ކަމަށާއި ބްލޭކް ފަހުރުވެރި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

ރީބާ ބުނީ ގްވެން އަބަދުވެސް ރީތި، ނަލަ ހެދުން ލާ ކަމަށާއި ފަރިވެ، ތަރަ-ތަރަ ޖެހުމަށް ގްވެންއާ ވާދަކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރީބާ އިތުރަށް ބުނީ އެހެން ކޯޗުންނާއި މީހުންގެ ފަރާތުން ލަފަޔާއި އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެންބީސީގެ ކާމިޔާބު ލަވަ ކިޔުމުގެ ޝޯ "ދަ ވޮއިސް" އަށް ރީބާ އަކީ އާ މޫނެއް ނޫނެވެ. ރީބާ ވަނީ މި ސީޒަންގައި މެގާ މެންޓާއެއްގެ ގޮތުގައި ޝޯގައި ބައިވެރިވެފަ އެވެ.