އުމަރު ނަސީރު

އެމްޑީޕީގެ މަޖިލިސް މެންބަރުން އަދީބު އަތުން ރިޝްވަތު ނެގި

Feb 4, 2016
1

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވެސް ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އަތުން ފައިސާ ނެންގެވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މަގާމުން ވަކިކޮށް، އަދީބު އެމަގާމަށް ވަޑައިގެންނެވުމުގެ ބޭނުމުގައި އެމްޑީޕީ މަޖިލިސް މެންބަރުންނަށް ހުށަހެޅި ރިޝްވަތުގައި ތިން މެންބަރުން ފިޔަވައި އެހެން ހުރިހާ މެންބަރުން ހިފި ކަމަށެވެ. އެފަދަ އަމަލުތަކުގައި އެބޭފުޅުން ބައިވެރިވާއިރު ޑިމޮކްރަސީއާ ބެހޭގޮތުން ވާހަކަދައްކަން ލަދުގަންނަން ޖެހޭ ކަމަށެވެ.

ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވުމަށް އެމްޑީޕީގެ މެންބަރުންނަށް އަދީބު ފައިސާ ދެއްވިކަމަށް އުމަރު ތުހުމަތު ކުރައްވާފައިވާއިރު، އަހުމަދު އަދީބަކީ ކޮރަޕްޝަންގެ އިތުރު ތުހުމަތު ތަކެއްވެސް ކުރެވޭ ބޭފުޅެކެވެ. އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެމްއެމްޕީއާރްސީއިން ގަވާއިދާ ހިލާފަށް ގިނަ ރަށްތަކެއް ދޫކުރި ކަމުގެ ތުހުމަތު ހިމެނެ އެވެ.