އާބަންކޯ

ސްމާޓް ޕާކިން ޖާގަތަކަށް ހުޅުވާލައިފި

އާބަންކޯ އިން ހުޅުމާލޭގައި ތައާރަފުކުރި ސްމާޓް ޕާކިން ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯން އިން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖުމްލަ 23 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް އާބަންކޯ އިން ވަނީ ނިންމާފަ އެވެ.

ސްމާޓް ޕާކިން ޖާގަތަކަށް ފޯމު ބަލައިގަންނާނީ ޖޫން ހަތް ވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން 2:00 އަށެވެ. ބީލަން ފޯމު ހުޅުވުން އޮންނާނީ އެ ދުވަހު 2:30ގަ އެވެ.

ބީލަން ފޯމު ބަލައިގަތުމާއި ހުޅުވުން އޮންނާނީ އެގްޒިބިޝަން ސެންޓަރު، އެޗްޑީސީ ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

ސްމާޓް ޕާކިންގެ ހާއްސަ ސިފަތައް

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބަހުއްޓެވެ. މިގޮތުން ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ އެވެ. އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) ބޭނުންކުރެ އެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ އެވެ.

މި ޒޯނުގައި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރަމުންދެ އެވެ.

މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޖާގަތަކެއް ހަދާފައިވެ އެވެ. އަދި ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރުކޮށްފަ އެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރު މުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ އެވެ.