ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުނާ ރައީސް އިބްރާހީމް ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.
އެމްޑީޕީ ޕީޖީ ގުރޫޕްގެ ބައެއްް މެންބަރުން ވަނީ މިކަން އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މިބައްދަލުވުމާ ގުޅޭގޮތުން މެންބަރުން އެހާ ތަފްސީލްކޮށް ވާހަކައެއް ނުދެއްކެވި އެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަވަސްކޮށްގެން ސަރުކާރުގެ ވައުދު ފުއްދުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން އަވަހަށް ކުރުމާ ގުޅޭގޮތުން ކަމަށް މައުލޫމާތު ދެއްވި މެންބަރަކު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަމުންދާތީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އެއްރޫހެއްގައި ތިބެ މިމައްސަލަތަކުގައި ސަރުކާރަށް ގެއްލުމެއް ނުވާ ގޮތަށް އަމަލުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް މެންބަރަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައީސް އަށް ދެންނެވިން ސަރުކާރު ބަލިކަށިވާ ގޮތަށް އެއްވެސް އަސާސެއް ނެތި ކުރާ ކަންކަމުގައި ރައީސްއާ އެކު ތިބޭނެ ކަމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް މެންބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވާފައި މިވަނީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ދުވަސްތަކަކީ މަޖިލީހުގައި ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވާނެ ދުވަސްކޮޅެއް ކަމަށް ބެލެވެ އެވެ. އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރައްވާފައި ވުމެވެ. ރައީސް ނަޝީދާ އެކު އެމްޑީޕީގެ މަޖިލީހުގެ މެންބަރުންތަކެއް ވެސް މަސައްކަތް ކުރައްވަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި 67 މެންބަރުން ތިއްބެވިއިރު ރައީސް ސޯލިހްއާ އެކު 53 މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ބެލެވެ އެވެ. އަދި ރައީސް ނަޝީދުއާ އެކު 14 މެންބަރުން ތިއްބެވި ކަމަށް ބެލެވެ އެވެ.