އެމްޑީޕީ

ނަޝީދުގެ އަރިސް 12 މެންބަރުން އެމްޑީޕީން ވަކިވެއްޖެ

May 17, 2023
1

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- " ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން އެ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީޕީން މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ހިމެނެ އެވެ.

އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން

  • އިބްރާހިމް ރަޝީދު (ބޮންޑޭ)
  • މުހައްމަދު ރަޝީދު (ބޯދިގު)
  • އަހްމަދު ޒާހިރު (ގައްދޫ)
  • މުހައްމަދު ވަހީދު (ވައްޑޭ)
  • ހަސަން ލަތީފް
  • އީވާ އަބްދުﷲ
  • އިލްޔާސް ލަބީބް
  • އިމްތިޔާޒް ފަހުމީ
  • ޔާސިރު އަބްދުއްލަތީފް
  • ހަސަން އަފީފް
  • ހުސެއިން ފިރުޝާން
  • ހަސަން ޝިޔާން

އެމްޑީޕީގެ 12 މަޖިލިސް މެންބަރަކާއި ޝިފާޒު އަދި އަމްރު އެމްޑީޕީން މިއަދުން ފެށިގެން ވަކިވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވަނީ އަވަސްއަށް ވަނީ ޔަގީންކޮށްދީފަ އެވެ.

ރައީސް ނަޝީދުގެ އަރިސް 12 މެންބަރުން އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށް ޕާޓީގެ ދަފްތަރުން ނަން އުނިކުރި ފަހުންނެވެ.

ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ބޮޑު ނާކާމިޔާބަށްފަހު ރައީސް ނަޝީދު ގެންދަވަނީ ސިޔާސީ ކަންކަމުގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ކުރައްވަމުންނެވެ.

ފިކުރެއްގެ ދިރުން ޓީމުން ބާއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 5:00 ހާއިރު އޮންނާނެ ކަމަށް އެ ޓީމުން ވަނީ އިއުލާންކޮށްފަ އެވެ.