އާބަންކޯ

ހުޅުމާލެއިން ވޯޓަ ސްޕޯޓްސްއަށް ޖާގަ އިތުރުކޮށްދީފި

ހުޅުމާލޭގައި ވޯޓަ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިމުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްދީފި އެވެ.

ހުޅުމާލޭގެ 12 ސަރަހައްދެއްގައި ވޯޓަ ސްޕޯޓްސް ހިންގުމުގެ ހުއްދަ އާބަންކޯ އިން ވަނީ ދީފަ އެވެ.

އާބަންކޯ އިން ބުނީ ވޯޓަ ސްޕޯޓްސް ހިދުމަތަށް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައިވާ ކަމަށެވެ.

ޖާގަ އިތުރުކޮށްދިނީ އެ ސަރަހައްދުތަކުން އާންމުންނަށް ދޭ ހިދުމަތްތައް އިތުރުކުރުމުގެ މަގުސަދުގައި ކަމަށް އާބަންކޯ އިން ބުނެ އެވެ.

އެ ސަރަހައްދަށްދާ އާންމުން ބޭނުންކުރުމަށް އާންމު ފާހާނާ އާއި އައުޓް ޑޯ ޝަވަރު ގާއިމު ކުރަންޖެހޭ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުމާއި މެއިންޓަނަންސް މަސައްކަތަކީ އެ ސަރަހައްދު ދޫކޮށްފައިވާ ބައެއްގެ ޒިންމާއެކެވެ.

ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އާންމުން އެންމެ ބޭނުންވާނެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން ވޯޓަ ސްޕޯޓްސް ހިންގާ މީހުންނަށް ޓޭކްއަވޭ ހިދުމަތް ދިނުމުގެ ހުއްދަ މީގެ ކުރިން ދީފައިވާކަން އާބަންކޯ އިން ފާހަގަކުރެ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް ހަފުތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް އާއިލާތަކާއި ރަހުމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.