ބޮލީވުޑް

ރަންބީރާއި ދިޕިކާ އަނެއްކާވެސް އެކުގައި ފިލްމަކުން

Feb 5, 2016

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރާއި، ދެމީހުން ރުޅިވިފަހުންވެސް މިދެތަރިންގެ ޖޯޑަށް އަދިވެސް ބެލުންތެރިންގެ ތައުޜީފު އޮހެ އެވެ.

މިހާތަނަށް އެކުގައި ތިން ފިލްމެއް ކުޅެފައިވާ މިދެތަރިން އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "ތަމާޝާ" އިންނެވެ. މިފިލްމަށް ފަހު މިދެތަރިން އެކުގައި ފިލްމަކުން ދެން އަވަސް މުސަތްގުބަލެއްގައި ފެނިގެންނުދާނެ ކަމުގެ ހަބަރުތަކެއް އެރި ނަމަވެސް، މިދެތަރިން އެކުގައި އަނެއްކާވެސް އާ ފިލްމެއް ކުޅުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މިދެތަރިން ދެން އެކުގައި ފެނިގެންދާނީ ޑައިރެކްޓަރު ސާޖިދު ނަޑިއަޑްވާލާގެ ފިލްމަކުންނެވެ. ރަންބީރާއި ދިޕިކާ ލީޑްރޯލުގައި ހިމަނައިގެން ސާޖިދު އުފައްދަނީ ކޮންކަހަލަ ފިލްމެއްކަން އަދި ޔަގީން ނުވި ނަމަވެސް، އޭނާ އަންނަނީ ވަނީ ބައެއް ފިލްމުތަކުގެ ސްކްރިޕްޓް މިދެތަރިންނާއި ހިއްސާކޮށްފަ އެވެ. އަދި އެފިލްމުތަމުގެ ތެރެއިން މިދެތަރިން ކުޅޭނީ ކޮން ފިލްމެއްކަން އަދި ހަމައެއް ނުޖެހެ އެވެ.

މީގެކުރިންވެސް ލޯބީގެ ފިލްމުތައް ކުޅެފައިވާ މިދެތަރިން ކުޅޭ ސާޖިދްގެ ފިލްމަކީވެސް ލޯބީގެ ފިލްމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މިއަހަރަކީ ރަންބީރުގެ ކެރިއަރުގައި ވެސް ވަރަށް ބޮޑު އަހަރެކެވެ. "ޖައްގާ ޖާސޫސް" އާއި "އެއި ދިލްހޭ މުޝްކިލް" ރިލީޒްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގައި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމާއި ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިޕިކާ ވަނީ މިއަހަރުގައި ބޮލީވުޑް ފިލްމެއް ކުޅުމުގެ ބަދަލުގައި އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" އަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ރަންބީރާއި ދިޕިކާ އެކުގައި ކުޅޭ މިފިލްމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ތެރޭގަ އެވެ.