މޯލްޑިވިއަން އައިޑޮލް

ހުރިހާ ތަނަކަށް ފިޓް ހުބާ!

Feb 7, 2016

ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްލެވޭނީ މަދު މީހަކަށެވެ. އެ ފަދަ ޒުވާނުން މަދުވާނެ އެވެ. އެކަމަކު މިއީ އެ ފަދަ ކުޅަދާނަ ޒުވާނެވެ. މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން ކަޓައިގެން ގެޔަށް ދާން ޖެހުނު ނަމަވެސް މުހައްމަދު ހުބާބް އަޒީޒް (ހުބާ) ދެރައެއް ނުވެ އެވެ. ހުބާ ހުރީ މާދަމާ މޯލްޑިވިއަން އައިޑޮލް ބޭއްވިއަސް އަދި ވެސް ބައިވެރިވާން ތައްޔާރަށެވެ. ކޮންމެކަމެއް ކުރަން ޖެހުނަސް ހުބާ ހޭވައްލާ ތައްޔާރެވެ.

"ވަރަށް ބައިވަރު ކަންކަން ކުރިން ސްކޫލްގައި އުޅެމުން. މި އަހަރުގެ ފެބްރުއަރީގައި ސްކޫލް ނިންމާފައި ކެނޑުނީ. މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލްގެ ގްރޭޑް 12 ގައި އުޅެމުން ޖަޕަނީސް ބޭސިކް ވެސް ކިޔެވިން،" ވާހަކަ ފަށަމުން 17 އަހަރުގެ ހުބާ ބުންޏެވެ.

މިއަދި ހުބާގެ މަސައްކަތް ނިމުނީއެއް ނޫނެވެ. ހުބާ ފޮޓޯ ވެސް ނަގަ އެވެ. ކޮމްޕިއުޓާ ކްލާސް ތަކެއްވެސް ހެދި އެވެ. ހުސްވަގުތުގައި ފޮތި ފިހާރައެއްގައި ވެސް މަސައްކަތް ކުރި އެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ކެމްޕޭންގައި ވޮލަންޓި އަރަށް ވެސް އޭނާ ހުޅުނެވެ. އޭނާ އެއްގޮތަކަށް ވެސް ހުސްކޮށް ހުންނާކަށް ބޭނުމެއް ނުވެ. އެއީ ހުބާ އަށް ވަރަށް ފޫހި ކަމެކެވެ.

"މޯލްޑިވިއަން އައިޑޮލް އިޝްތިހާރު ކުރަން ސެލްފީ ނަގަން ވެސް އުޅުނިން. މޯލްޑިވިއަން އައިޑޮލްގައި ލޮރީ ބުރުގައި ވެސް އުޅުނިން ވަރަށް އުޅޭ ހިތްވޭ ވޮލަންޓިއާ. ވަރަށް މަޖާކަމެއް މިއީ،" ހުބާ ބުންޏެވެ.

"އޯލެވެލް ނިންމާލާފަ ލިބޭ ސިކްސް މަންތުގެ ބްރޭކުގެ ތެރެއިން ދެ މަސް ދުވަހު އުޅުނީ ފޮތި ފިހާރައެއްގައި."

ހުބާ ވޮލަންޓިއަރަކަށް އުޅުމުގައި ސިއްރެއް ވެސް ފޮރުވިފައި އޮވެ އެވެ. ހުއްބަ ވޮލަންޓިއަރަށް އުޅޭ އެއް ސަބަބަކީ ހިލޭ ކާން ލިބުމެވެ. އޭނާ ވަރަށް ކާހިތްވެ އެވެ.

އޭނާ ބުނާ ގޮތުގައި މިހެން އުޅޭއިރު ތިން ތަށި ފްރައިޑް ރައިސް ކައިލެވިދާނެ އެވެ. އަދި އެ ވަރުން ވެސް އޭނާއަށް ފުދުނީއެއް ނޫނެވެ. ފްރައިޑް ރައިސްކައިގެން ޕީއްޒާއެއް ކައިލުމަކީ ވެސް ހުބާއަށް ހަމަ ފެން މެޓައެކެވެ.

"ވަރަށް ކާހިތްވޭ. ކިތަންމެ ގިނައިން ކެޔަސް ފަލައެއް ނުވޭ. އަސްލު މޯލްޑިވިއަން އައިޑޮލްއަށް ދިޔއިރު ނޭނގެ އެތަނުން އެވަރަށް ކާން ލިބޭ ކަމެއް. ފްރެންޓުން ވެސް ބުނޭ ހާދަ ވަރަކަށޭ ހުބާ ކަނީ؟ އެހެން ނޫނަސް މިއީ ވަރަށް ކާހިތްވާ މީހެއް! ބައިވަރު މީހުން ބުނޭ. ނުކާށޭ. ފެމެލީ މީހުން މާގިނައިން ކާތީ އެއްޗިހި ފޮރުވާ ވެސް ހަދާނެ،" ހުބާ ބުންޏެވެ.

"ގޭގައި ހަދާ އެއްޗިހީގެ ތެރެއިން އެންމެ މީރީ މަންމަ މޮޑެދޭ ބަތް ތަށި. ދެވަނަ ފަހަރަށް މޮޑެގެން ގެންއިރު ކުޑަކޮށް ތަފާތުވާނެ ރަހަ. އެކަމަކު ވެސް ވަރަށް މީރު ވާނެ."

"ބަނޑު ހައިވެފައި ހުރީއްޔާ ތިން ތަށި ފްރައިޑް ރައިސް ވެސް ކާލެވިދާނެ. ޕީއްޒާ ވެސް ދެ ޕީއްޒާ އެއްކޮށް ކައިލަން. ކިތަންމެ ވަރަކަށް ކެޔަސް ފަލައެއް ނުވޭ. އަބަދުވެސް ހުންނަ ވަރަށް ހުންނަނީ."

އޭނާ ބުނީ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމުން ވަރަށް މަޝްހޫރު ވެއްޖެ ކަމަށެވެ. މިހާރު ގިނަ މީހުން ވާހަކަ ދައްކާ ކަމަށް ހުބާ ބުންޏެވެ.

"އެނގޭތަ މިހާރު ވަރަށް މަޝްހޫރުވެއްޖެ. ގިނަ މީހުން ވާހަކަ ދައްކާ. ބުނޭ ކީއްވެހޭ ތިހެދީ؟ އަޅުގަނޑު ބުނަނީ ފުރަތަމަ ފަހަރުވީމަ ތަންކޮޅެއް ނާވަސް ވީއޭ،" ހުބާ ބުންޏެވެ.

"މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމުން ވަރަށް ގިނަ ފްރެންޑްސް ގިނަ ވެއްޖެ،" ހުބާ ބުންޏެވެ.

"ދެން ވެސް މޯލްޑިވިއަން އައިޑޮލް ބާއްވައިފިނަމަ މުބާރާތުގައި ބައިވެރިވާނަން."

ހުބާ ދެންވެސް ބައިވެރިވާނެ އެވެ. އޭނާހުރީ މިފަދަ ކޮންމެކަމެއްގައި ބައިވެރިވުމަށް ތައްޔާރަށެވެ. ހުރިހާ ތަނަކަށްވެސް އޭނާ ފިޓެވެ.