މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ތިން ރަށެއްގައި ކުނި ކޮށި އަޅަން ބަޔަކާ ހަވާލުކޮށްފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން ތިނެއްގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގާ "ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން މާލެ އަތޮޅުގެ ތިން ރަށެއްގައި ޒަމާނީ ފެންވަރުގެ ކުނިކޮށި ބަޔަކާ ހަވާލުކޮށްފި އެވެ.

އޭޑީބީގެ އެހީގައި މާލެ ސަރަޙައްދުގެ 15 ރަށެއްގައި ކުނި ކޮށި އެޅުމަށް ނިންމާފައިވާއިރު މިމަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ތުލުސްދޫ، ހުރާ އަދި ހިންމަފުށީގަ އެވެ.

މިތިން ރަށުގައި ކުނި ކޮށި އެޅުމަށް 11 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު މިމަސައްކަތް ހަވާލުކުރީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. ތިން ރަށުގެ މަސައްކަތް ނިންމަން ދިނީ ހަމަސް ދުވަހެވެ.

ކުނިކޮށިތައް ނިމުމުން މިތަންތަނުގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި ވަކިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ އެވެ. މިއިން ކޮންމެ ތަނެއްގައި އޮފީސް އިމާރާތަކާއި ގާޑް ޕޯސްޓް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކުނިކޮށި އެޅުމުގެ އަގުތައް

  • ތުލުސްދޫ - 3.51 މިލިއަން ރުފިޔާ
  • ހިންމަފުށި - 3.52 މިލިއަން ރުފިޔާ
  • ހުރާ - 3.26 މިލިއަން ރުފިޔާ

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ބާކީ 12 ރަށުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ތަފާތު މަޝްރޫއުތައް ގްރޭޓާ މާލެ ސަރަހައްދާއި ކ. އަތޮޅުގައި ހިންގާއިރު އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކުގައިވެސް ކުނި މެނޭޖްކުރުމަށް ބޭނުންވާ ތަންތަން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.