އެމްޑީޕީ

މެނިފެސްޓޯއަށް މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ހުރިހާ ރަށަކަށް

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އެމްޑީޕީގެ ކެމްޕޭން ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރުތައް މިއަދު ފަށައިފި އެވެ.

އެމްޑީޕީގެ ޓީމުތައް މިއަދު މާލެ އިން ފުރިއިރު އެ ޓީމުތަކުގައި ޖުމްލަ 400 އެއްހާ މެންބަރުން ހިމެނެ އެވެ. ރަށްރަށުން މި ޓީމުތަކާ އެމްޑީޕީގެ މެންބަރުން ގުޅި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ޓީމުތައް ދަތުރުކުރާ ކޮންމެ ރަށެއްގައި ޕާޓީއެއްގެ ދިދައެއް ނަގައި މައުލޫމާތު އެއްކުރުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމަށް ޓީމުތައް އަތޮޅު ތެރެއަށް ކުރާ ދަތުރުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވެފަ އެވެ.

މާލެ އިން ފުރި އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގައި އިސްކޮށް ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

ރާއްޖޭގައި ބާއްވާ ގައުމީ އިންތިހާބުތަކުގައި އެންމެ ވަރުގަދައަށް ކެމްޕޭންކޮށް ތަފާތު ޗަރުކޭސް ދައްކާ ޕާޓީއަކީ އެމްޑީޕީ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު އެމްޑީޕީގެ އެތެރޭގައި ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ބޮޑު ރައީސް ނަޝީދާ އެކު މަސައްކަތް ކުރައްވާ 13 މެންބަރަކު ވަނީ އެމްޑީޕީ ދޫކޮށްލާފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުން ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.