ޑރ. މުހައްމަދު ޖަމީލް އަހުމަދު

ނަޝީދާމެދު ކުރިން ދެއްކުނު ވާހަކަތަކަށް ޖަމީލް މައާފަށް އެދިވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައި ހިތްހަމަ ނުޖެހޭފަދަ ކަމެއް މާޒީގައި ކުރެވިފައިވާނެމަ އެކަމަށް މައާފުކޮށްދެއްވުމަށް ރައީސް ނަޝީދުގެ ކިބައިން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގަންނަވައިފި އެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގެ ބައިވެރިންނާއި މުހާތަބުކުރައްވައި، އިނގިރޭސިވިލާތުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ. ޖަމީލް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނަށް ހިދުމަތްކުރައްވަން ބޭނުންވި ބޭފުޅެއް ކަމަށެވެ. އެކަން ކުރައްވަން މިހާރުވެސް ބޭނުންފުޅުވާ ކަމަށާއި، އެކަން ކާމިޔާބުކުރުމަށް ގުޅެންޖެހުނު ކޮންމެ ބަޔަކާއި ވެސް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެހެންކަމުން މީގެ ކުރިން ކުރެއްވި މަސައްކަތްތަކުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ބަޔަކު ހިތްހަމަނުޖެހޭ ކަމެއް ކުރެވިފައިވާ ނަމަ އެކަމަކާއި މެދު މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

".. މާޒީގައި ވެފައިވާ ކަމަކަށް، ނުވަތަ ބުނެވިފައިވާ އެއްޗަކަށް ދިވެހި ރައްޔިތުން، ޕީޕީއެމް، އެމްޑީޕީ އަދި ރައީސް ނަޝީދުގެ ކިބައިންވެސް ހިތް ހަލާސްކޮށްދިނުމަށް އެދެން،" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަނީ ރާއްޖެ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ވަރުގެ ހުދުމުހުތާރު އުސޫލުތަކަކާ އެކު ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ތަކުރާރުކޮށް ކުރައްވަމުން ޖަމީލް ވިދާޅުވީ، މި ސަރުކާރު ހެޔޮ ގޮތުގައި ކުރިއަށްގެންދަން ރައީސް އަބްދުﷲ ޔާމީން ނުކުޅެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މި ވެރިކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިކުންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރަދުކުޑަކޮށް ވެރިކަން ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އަމިއްލަފުޅު ގޭގެ ހަރަދުތަކާއި ދައުލަތުގެ ގިނަ އިމާރާތްތައް އަދި ރަށްތައް ވެސްވެފައި ވަނީ ރައީސް ޔާމީންގެ، "ރިޔާސީ ގަނޑުވަރުތަކަށް ހައްދަވާފައި ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގަނީ މަދު ވިޔަފާރިވެރިންތަކެއްގެ ނުފޫޒުން ކަމަށާއި މިއީ ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް ނޫން ކަމަށެވެ. މާލޭގެ ބިންތަކާއި ފަޅުރަށްތައް އާއިލާގެ މީހުންނާއި ގާތް ވިޔަފާރިވެރިންނަށް ބަހަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިސަރުކާރަކީ ޑިމޮކްރަސީއަށް ހުރި ބިރެއް،" ޖަމީލް ވިދާޅުވި އެވެ. އޭނާ މިރޭ ވެސް ވަނީ އެމްޑީޕީ އާއި ރައީސް ނަޝީދާ އެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.