އެމްޑީޕީ

ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި

May 19, 2023
1

އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އެމްޑީޕީގެ ދިދަ ނަގައިފި އެވެ.

އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތްތައް މިއަދު ހަވީރު 4:00 ޖެހިއިރު ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިޔައީ މާލެއިން އިއްޔެ ދިޔަ ކެމްޕޭން ޓީމުތަކާއި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން ގުޅިގެންނެވެ. ދިދަ ނެގުމުގެ އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް މިއަދު ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ.

އެމްޑީޕީގެ ޓީމުތައް އިއްޔެ މާލެ އިން ފުރިއިރު އެ ޓީމުތަކުގައި ޖުމްލަ 400 އެއްހާ މެންބަރުން ރަށްރަށަށް ދިޔަ އެވެ. ރަށްރަށުން މި ޓީމުތަކާ އެމްޑީޕީގެ މެންބަރުން ގުޅި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހީމް ވަހީދު ވިދާޅުވީ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމަށް ޓީމުތައް އަތޮޅު ތެރެއަށް ކުރާ ދަތުރުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މާލެ އިން ފުރި އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގައި އިސްކޮށް ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ނުކޮށް ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ފަހިވެ ލިބުނު ލުއި ފަސޭހަކަމާއި ހަމަޖެހުމަކީ މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށެއްގައި ޕާޓީގެ ދިދަ ވިހުރުވާލީ މި ސަރުކާރުން ފެށި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އާއި މަގުހެދުމާއި ތަރައްގީގެ އެހެން ޕްރޮޖެކްޓްތައް ނިމި ރަށްރަށުން އުޖާލާ ކުރިމަގެއް ފެންނާތީ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

"މިދަތުރުން ހޯދާ މައުލޫމާތުން މެނިފެސްޓޯ އެކުލަވާލައި އެމްޑީޕީ ގަދަކޮށް އިންތިހާބަށް ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާނެ،" އަނަސް ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ ގައުމީ އިންތިހާބުތަކުގައި އެންމެ ވަރުގަދައަށް ކެމްޕޭންކޮށް ތަފާތު ޗަރުކޭސް ދައްކާ ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު އެމްޑީޕީގެ އެތެރޭގައި ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ބޮޑުވެ ރައީސް ނަޝީދާ އެކު މަސައްކަތް ކުރައްވާ 13 މެންބަރަކު ވަނީ އެމްޑީޕީ ދޫކޮށްލާފަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުން ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.