ދެ ރަށެއްގައި ހުރި އެމްޑީޕީގެ ދެ އޮފީހަކަށް ގެއްލުންދީފައިވާތީ އެކަން ކުށްވެރިކޮށްފި އެވެ.
ގެއްލުން ދީފައިވަނީ ގއ. ކޮލަމާފުއްޓާއި ދ. ކުޑަހުވަދޫގައި ހަދާފައި ހުރި އެމްޑީޕީގެ އޮފީހަކަށެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބަށްފަހު ކުޑަހުވަދޫ އަދި ކޮލަމާފުށީގައި ހުރި އެ ޕާޓީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕޭން ޕޯސްޓަރު ބިލްބޯޑު ފަދަ ތަކެއްޗަށް ގެއްލުން ދެމުންދާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ދަނިކޮށް އެ ޕާޓީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފައިވާތީ އެކަންވެސް ކުށްވެރިކޮށްފަ އެވެ.
"މަޖިލިސް މެމްބަރުންނަށާއި މިޕާޓީގެ އެކިއެކި އޮފީސްތަކަށް ގެއްލުން ދިން ފަރާތްތައް ހޯދާ މިކަންކަން ތަކުރާރުވިޔަނުދިނުމަށް ފުލުހުންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިލްތިމާސްކުރަމެވެ.،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކެމްޕޭން ތެރޭގައިވެސް އަދި އިންތިހާބަށްފަހުވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަންވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިހާބުން ނިކުންނަ ނަތީޖާއަށް އިހްތިރާމްކުރުމާއެކު އެ ޕާޓީން ހިންގާ ހަރަކާތްތައް ހިންގުމަށް ކަމަށެވެ.