ލައިފްސްޓައިލް

13 އަހަރުގައި ކޮލެޖު ޑިގްރީ ނެގި ކުއްޖާ އަބަދުވެސް ވަރަށް ސްމާޓް

އެމެރިކާގެ އޮކްލަހޯމާ ސިޓީ ކޮމިއުނިޓީ ކޮލެޖުން މިދިޔަ ހޮނިހިރު ދުވަހު ޑިޕްލޮމާ ހާސިލުކޮށް އެލީޖާ މުހައްމަދު ވަނީ ތާރީޚީ ކާމިޔާބެއް ހޯދާފަ އެވެ.

ހޮނިހިރު ދުވަހު އެލީޖާގެ އާއިލާ އިން ބުނި ގޮތުގައި ކޮމްޕިއުޓަ ސައިންސާއި ސައިބަސެކިއުރިޓީގެ ރޮނގުން ޑިގްރީ ހާސިލުކޮށް ކޮލެޖުން ގްރެޖުއޭޓްވީ އެލީޖާ އަކީ ކަޅު ނަސްލުގެ ކުދިންގެ ތެރެއިން މިހާތަނަށް މި ޑިގްރީ ހާސިލުކުރި އެންމެ ހަގު ކުއްޖާ އެވެ.

އެލީޖާ ބުނި ގޮތުގައި އޭނާ ޑިގްރީ އަށް ކިޔެވިޔަސް އެއީ ކިހާ ވަރެއްގެ ކަމެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. މި ޑިގްރީއަކީ ކިހާ ވަރެއްގެ އެއްވެސް ކަން އެނގުނީ ހޮނިހިރު ދުވަހު ބައްޕަ އޭނާއަށް އެ ޑިގްރީގެ ހަގީގަތް އޮޅުން ފިލުވައި ދިނީމަ އެވެ.

"މި ޑިގްރީ ހާސިލުކުރި އެންމެ ހަގު ކުއްޖަކީ އަހަރެންކަން އެނގުނީ ބައްޕަ އޮޅުން ފިލުވައިދިނީމަ. ބައްޕަ ބުނި ވަރަށް ރަނގަޅޭ ކިޔެވުމަށް ތި ކުރި މަސައްކަތް،" އެލީޖާ ބުންޏެވެ.

އަދި ކިރިޔާ ޓީންއޭޖް އުމުރަށް އެޅި އެލީޖާގެ އަތުގައި މިހާރު ހަތަރު ޑިޕްލޮމާ އެބައޮތެވެ.

އެލީޖާގެ ދައްތަ ޝާނިއާ މުހައްމަދު، 15، ބުނި ގޮތުގައި އޭނާގެ ކޮއްކޮއަކީ އޭނާ ދަންނަ ކުދިންގެ ތެރެއިން އެންމެ ސްމާޓް ކުއްޖާ އެވެ. އަދި ކޮއްކޮ އެލީޖާ ވަރުގެ ސްމާޓް ކުއްޖެއް އޭނާއަށް ވުރެ ދޮށީ ވެސް އަދި ހަގު ވެސް ފެނިފައި ނުވާ ކަމަށް ޝާނިއާ ބުންޏެވެ.

އެލީޖާ މިހާރު ވަނީ އޮހިއޯ ސްޓޭޓް ޔުނިވަސިޓީގައި ސައިބަސެކިއުރިޓީ އެންޑް ފޮރެންސިކްސްގެ ރޮނގުން ބެޗްލާޒް ޑިގްރީ ހާސިލުކުރުމަށް ކިޔަވަން ފަށާފަ އެވެ.

އެފްރިކަން-އެމެރިކަން ނަސްލުގެ އެލީޖާގެ އާއިލާގައި އެއްބަނޑު އެއްބަފާ ފަސް ކުދިން އެބަތިއްބެވެ. އެލީޖާ އަކީ އެންމެ ހަގު ކުއްޖާ އެވެ. އަދި ޝާނިޔާ އަކީ އަންހެންކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. ޚުދް ޝާނިޔާ އަކީ ވެސް ކިޔަވަން ވަރަށް މޮޅު ކުއްޖެކެވެ. އުމުރުން 15 އަހަރުވިއިރު ބެޗްލާޒް ޑިގްރީ ހާސިލްކޮށް ޝާނިޔާ މިހާރު ކިޔަވަމުންދަނީ މާސްޓާޒް ޑިގްރީ އަށެވެ.

އެލީޖާ ބުނި ގޮތުގައި އޭނާގެ ކިޔެވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ ދައްތަ ޝާނިޔާ އާއި އާއިލާގައި ދެން ތިބި ކުދިންނެވެ.