އާބަންކޯ

ފަންނުގެ ދަރިންގެ 27 ވަނަ ސެޝަން މިއަދު

May 20, 2023

ރާއްޖޭގެ ޒުވާން ހުނަރުވެރިން އެއްތައްކުރުވާ "ފަންނުގެ ދަރިން" ޖަމިއްޔާއާއި، އާބަންކޯ ގުޅިގެން ހުޅުމާލެ އަދި ކުޑަގިރީގައި ހުނަރުވެރިންގެ ފަންނު ދައްކައިދިނުމަށް ބާއްވާ ސެޝަންތަކުގެ ތެރެއިން 27 ވަނަ ސެޝަން މި ހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ސެޝަންތަކުގެ ތެރެއިން މި މަހުގެ ސެޝަން ކުރިއަށް ގެންދަނީ މިއަދު ހަވީރު 4:00 އިން މިރޭ 10:00 އަށެވެ. މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހުޅުމާލެގެ ދިރާގު ބީޗް ސަރަހައްދުގަ އެވެ.

އާބަންކޯ އިން ފަންނުގެ ދަރިން ޖަމިއްޔާއާއި ގުޅިގެން ބާއްވަމުންދާ މި ސެޝަންތަކަކީ ރާއްޖޭގައި ތިބި ހުނަރުވެރިންގެ ފަންނުވެރިކަމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކޮންމެ މަހަކު ބާއްވާ ސެޝަންތަކެކެވެ. އެގޮތުން މި ސެޝަންތައް ކުރިއަށް ގެންދަނީ އެކި ފަންނުވެރިންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޯލްތަކާއި، ދިވެހި މިއުޒިކް ބޭންޑުތަކުގެ ލައިވް މިއުޒިކާ އެކުގައެވެ.

2019 ވަނަ އަހަރުވެސް ފަންނުގެ ދަރިން ޖަމިއްޔާގެ ފަރާތުން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތައް މެދުކަނޑަލާފައިވަނީ ކޮވިޑް-19ގެ ސަބަބުންނެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް މި ސެޝަންތައް ފަށައި، އެޗްޑީސީއާއި އެކު އެއްބަސްވުމަކަށް އައިސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. މީގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު ސެންޓްރަލް ޕާކުގައެވެ.

އާބަންކޯ އަކީ އަބަދުވެސް އަމިއްލަ އުފެއްދުންތަކާއި، ހުނަވެރި ފަންނުވެރިންގެ މަސައްކަތަށް އެއްބާރުލުންދީ އެ ހުނަރުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ފަންނުގެ ދަރިން ސެޝަން އަކީ ވެސް އެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.