ދުނިޔެ

ރަޝިއާގެ ބްލެކްލިސްޓަށް އެމެރިކާގެ ކުރީގެ ރައީސް އޮބާމާ

އެމެރިކާގެ 500 ރައްޔިތަކު ބްލެކްސިލްޓްކޮށް ރަޝިއާއަށް އެތެރެވުން މޮސްކޯއިން މަނާކޮށްފި އެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ ވެސް ހިމެނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން މި ލިސްޓް އާންމުކުރަމުން ބުނި ގޮތުގައި އެމެރިކާގެ ރައްޔިތުންނާ މެދު މިފަދައިން ފިޔަވަޅުއަޅަން ޖެހުނީ ރަޝިއާއަށް ދަތިކުރަން ވައިޓް ހައުސްއިން މެއި 19 ގައި އިއުލާންކުރި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ޖޯ ބައިޑަންގެ ސަރުކާރުން ރަޝިއާއަށް ދަތިކުރަން ފިޔަވަޅުއެޅުމަކީ ދެއިރު ދެދަޅައަށް ޚާއްސަކޮށްފައި އޮންނަ ސަގާފީ ހަރަކާތަކަށް ހަދައިފި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރަން އެމެރިކާއިން ފިޔަވަޅުއަޅަމުން ގޮސް ރަޝިއާގެ ވިޔަފާރިވެރިން އަދި ވިޔަފާރި ކުންފުނިތަކަށް ވެސް ދަތިކުރުންތައް އަމާޒުކޮށްފައިވާ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން ރަޝިއާއަށް ވެސް އޮތް ގޮތަކީ އެފަދައިން އަމަލުކުރުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާއިން މި ފަހަރު އިއުލާންކުރި ލިސްޓްގައި ހިމެނެނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އިއްޒަތްތެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ޔުކްރޭނަށް މަދަދުވެރިވާ ކުންފުނިތަކުގެ ވެރިންނެވެ.

މޮސްކޯގެ ބްލެކްލިސްޓްގައި ދެން ހިމަނާފައިވާނީ ފޮރިން މިނިސްޓްރީން ބުނި ގޮތުން ޖޯ ބައިޑަންގެ ސަރުކާރުގެ ލަފާދާރުން ކަމަށެވެ.

ބާރަކް އޮބާމާ ބްލެކްލިސްޓްގައި ހިމެނިފައި އޮތީ މި ކެޓަގަރީގެ ދަށުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރަޝިއާގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ނޫސްވެރިޔާ އީވާން ގާޝްކޮވިޗް އަށް ޒިޔާރަތްކުރުމަށް ރަޝިއާގައި ހުންނަ އެމެރިކާގެ އެމްބަސީން އެދުނު އެދުމަށް ނޫނެކޭ ބުނެފައިވާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަބަބެއް ކަމަށް ބުނީ އެއީ އދ. ގައި ތަގުރީރުކުރައްވަން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އޭޕްރީލްގައި އެމެރިކާއަށް ކުރެއްވި ދަތުރުގައި ރަޝިއާގެ ނޫސްވެރިންނަށް އެމެރިކާއިން ވިސާ ނުދިނުމުން ކަމަށެވެ.