ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ޕާޓީ އުފައްދަން މިއަދު ހުށަަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހެޅުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ ޓީމުން ޕާޓީ އުފައްދަން ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:45 ގައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެހެން ބައެއް ބޭފުޅުން މެދުވެރިކޮށް ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ ވެރިކަން ކުރާ ޕާޓީ -- އެމްޑީޕީގެ ރައީސްގެ ގޮތުގަ އެވެ.

ފިކުރެއްގެ ދިރުންގެ ޓީމުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމަކާއި ނަމުގެ ތަފުސީލުގެ އިތުރުން ކުލަ އާއި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފިކުރެއްގެ ދިރުންގެ ޓީމުން ވަނީ ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓެއް ނެރުމަށްވެސް ނިންމާފަ އެވެ.

ޕާޓީ އުފައްދާ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކުރީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ 12 މެންބަރުން އެޕާޓީން ވަކިވުމަށްފަހު މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.