"ވިކި ލީކްސް"ގެ ފައުންޑާ ޖޫލިއަން އަސާންޖް އިކުއިޑޯ އެމްބަސީގައި ބަންދުވެފައި ހުންނަ ހުރުން ނިންމުމަކަށް ގެންނަން އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމަކީ ގަބޫލުކުރާނެ ނިންމުމެއް ނޫން ކަމަށް ބުނެ އިނގިރޭސި ސަރުކާރުން އެ ނިންމުމަށް ގޮންޖަހައިފި އެވެ.
ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރި ޑިޓެންޝަން އިން ނިންމާފައިވަނީ ލަންޑަންގައި ހުންނަ އިކުއިޑޯ އެމްބަސީގައި ޖޫލިއަން އަސާންޖް ހުރީ ގާނޫނާއި ހިލާފު ބަންދެއްގައި ކަމަށެވެ. އޭނާ 2012 ވަނަ އަހަރުން ފެށިގެން ހުންނަނީ އިނގިރޭސިވިލާތުގައި ހުންނަ އިކުއޭޑޯ އެމްބަސީގަ އެވެ. އެތަނުގެ ހިމާޔަތް ހޯދައި އެތަނުން ނުނިކުމެވިފައި ހުންނަނީ އިނގިރޭސި ފުލުހުން އޭނާ ހައްޔަރު ކޮށް، ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކޮށް ސުވިޑަންގެ ފުލުހުންނާ ހަވާލު ކުރާނެތީ އެވެ.
އދ.ގެ ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގެ ފޮރިން ސެކްޓްރީ ފިލިޕް ހާމޮންޑް ވިދާޅުވީ، ވޯކިން ގްރޫޕްގެ ނިންމުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ. އދ.ގެ ނިންމުމަކީ އެއްވެސް ގާނޫނީ ބަރުދަނެއް ހުރި ނިންމުމެއް ނޫން ކަމަށާއި އެއީ ތަންފީޒުކުރަން ޖެހޭ ނިންމުމެއް ނޫން ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ. އަދި އާސަންޖް ހައްޔަރުކުރަން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުން މިފަދައިން ބުނެފައިވާއިރު ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމަނިކުފާނު ދޫކޮށްލުމަށް އދ.ގެ ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ. އދ.ގެ ނިންމުމަކީ ތަންފީޒުކުރަން ޖެހޭނެ ނިންމުމެއް ނޫން ކަމަށް ރާއްޖޭގެ ސަރުކާރުން އޭރު ބުންޏެވެ. އެ ނިންމުމަށް އަމަލުނުކުރަން ރާއްޖޭގެ ސަރުކާރަށް ނިންމުމުން އެކަމަށް އިނގިރޭސިން ރާއްޖެއިން ފާޑު ކިޔައި ނިންމުމަށް އަމަލުކުރަން ގޮވާލިކަން ފާހަގަކޮށްލެވެ އެވެ.
ސާޅީސް ހަތަރު އަހަރުގެ އަސާންޖްގެ ފަރާތުން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށައެޅި މައްސަލާގައި ވަނީ، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް ސިއްހީ ފަރުވާ އާއި އިރުގެ އަލި އަދި ސާފު ވައި ނުލިބޭ ކަމަށާއި، މުވާސަލާތީ ހިދުމަތް ވެސް ނުލިބޭ ކަމަށް ވެސް ބުނެފަ އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން އޭނާއަށް ހުއްޓުމެއް ނެތި ފާރަލަމުން ދާ ކަމަށް ވެސް އދއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
އަސާންޖް ހައްޔަރުކުރަން ސްވިޑަންއިން ރެޑް ނޯޓިސް ވެސް ނެރެފައިވާއިރު އޭނާ ހައްޔަރުކުރަން މަސައްކަތް ކުރަނީ އަންހެނަކު ރޭޕްކުރުމާއި އަދި ވެސް އިތުރު ދެ އަންހެނަކަށް އެކި ވަރުގެ ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުގަ އެވެ. މި މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ސްވިޑަން އިން މަސައްކަތް ކުރަމުންދާއިރު، އޭނާ ހައްޔަރުކުރުމަށްފަހު އެމެރިކާގެ ފުލުހުންނާ ވެސް ހަވާލުކުރާނެ ކަމަށް ސްވިޑަންއިން ވަނީ ބުނެފަ އެވެ. އެއީ ވިކިލީކްސް މެދުވެރިކޮށް ލީކްކޮށްލާފައިވާ ޑިޕްލޮމެޓިކް ސިއްރު މައުލޫމާތު ތަކެއްގެ ތަހުގީގުގަށެވެ.