އާބަންކޯ

އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަނީ

ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށް ދޫކުރަން އާބަންކޯއިން ހުޅުވާލައިފި އެވެ.

ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމުލަ 10 ޖާގަ ހުޅުވާލާފައިވާއިރު ބީލަން ފެށޭ އަގަކީ 1،500 ރުފިޔާ އެވެ. މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރު ވުން ހިމެނެއެވެ. އަދި އެފަރާތަކީ އާބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު އަދި އެ ނޭބަހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވެ އެވެ.

މި ބީލަމާބެހޭ އިތުރު މައުލޫމާތު އާބަންކޯގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އާބަންކޯއިން ބުނި ގޮތުގައި ޕާކިން ޖާގަ ދިނުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުމެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ސޮލިއުޝަން އާބަންކޯ އިން ވަނީ މި ހަފުތާ ތެރޭގައި ތައާރަފު ކޮށްފައެވެ. ފުރަތަމަ ސްމާޓް ޕާކިން ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިން ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

އާބަންކޯ އިން ބުނި ގޮތުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އިންގިލާބީ ބަދަލެއް ޕާކިންގެ ކަންކަމަށް ގެނައުމަކީ އެ ކުންފުނީގެ އުންމީދެކެވެ.