ވެމްކޯ

ވެމްކޯގެ އެމްޑީ ސިރާޖު އަލުން ޒިންމާއާ ހަވާލުވެވަޑައިގެންފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހއ. ދިއްދޫ، ހަޒާރުމާގެ، ޔޫސުފް ސިރާޖު ސަސްޕެންޑްގެ މުއްދަތު ހަމަކޮށް އަލުން ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފި އެވެ.

ސިރާޖު ސަސްޕެންޑް ކުރީ ވެމްކޯގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވި އެ މައްސަލަ ބަލަން ފެށުމުން އެކަމަށް ހުރަސް އެޅުމުންނެވެ.

ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް ސިރާޖު އަލުން ވަޒީފާއަށް ނިކުންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިރާޖު ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ހިނގާ ގޮތަށް މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ. މިމުއްދަތުގައި މަގާމުގެ އެއްވެސް މަސްއޫލިއްޔަތެއް އުފުލުން އޭނާއަށް ވަނީ މަނާކޮށްފަ އެވެ.

ޕީސީބީ އިން ސިރާޖު ސަސްޕެންޑް ކުރީ ތުހުމަތު ކުރެވޭ ބޭފުޅާގެ މައްސަލަ ބެލުމުގައި ސިރާޖުގެ އެއްވެސް ދައުރެއް ނުބޭއްވުމަށް ކުންފުނިން ނިންމާފައި ވަނިކޮށް މައްސަލަ ބަލަމުން ދިޔަ ކޮމިޓީއަށް ސިރާޖު ބަދަލުތަކެއް ގެނައުމުންނެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެމްޑީގެ މަގާމަށް ސިރާޖު އައްޔަންކުރީ ކުރިން ވެމްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު ޕޯސްޓް އޮފީހުގެ އިސްވެރިޔަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

ވެމްކޯގެ އެމްޑީގެ މަގާމަކަށް ސިރާޖު އައްޔަންކުރީ އެ މަގާމު ހުސްކޮށް އޮންނަތާ ފަސް މަސް ދުވަހުން ފަހުން މިދިޔަ ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ.