އިލެކްޝަންސް ކޮމިޝަން

"ދަ ޑިމޮކްރެޓްސް" އުފައްދަން ހުއްދައަށް އެދިއްޖެ

May 21, 2023
4

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންނާއި އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ބައިވެރިވި އެވެ.

ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދޫކޮށް ނިކުތީ ހިތްހަމަނުޖެހޭ ސިފަތަކެއް ހުރުމުން ކަމަށެވެ.

"އެންމެ ފުރަތަމަ އުފެދުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ހަގީގަތުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް، ސިފަތައް އަށަގެންނެވުމަށް އުފެއްދި ޕާޓީ. އެހެންނަމަވެސް މަޑުމަޑުން އެ ސިފަތަކާ ދުރަށްޖެހި ޑިމޮކްރަސީގެ އެންމެ އަސާސީ ކަންކަން އެއީ މަޝްވަރާ އާއި ބައިވެރިކުރުމާއި ބައިވެރިވުމާއި އަދި ހަމައެހެންމެ ދެފުށް ފެންނަ ކަންތައްތައް ކުރުން. އެ ސިފަތައް ނެތިދާތީ އެއީ ރާއްޖޭގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށްފަހު "ދަ ޑިމޮކްރެޓްސް"ގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ މިޕާޓީގެ އަސާސަކަށް ވާނީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން ކަމަށެވެ.

"މި ޕާޓީގެ އެންމެ ބޮޑު އަސާސަކަށްވާނެ ސިފައަކަށްވާނެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިކުރުމާއި ބައިވެރިވުން ޔަގީންކުރުން. އެންގޭޖްވާނެ، އެންގޭޖްކުރާނެ އަދި އެހެން މީހުންގެ އެންގޭޖްމަންޓު އަޅުގަނޑުމެން ހޯދާނެ،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވެސް އަދި ހަސަން ލަތީފްވެސް ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އަދި ރައީސް ނަޝީދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް މިއީ ރައީސް ނަޝީދާ ގުޅިފައި އޮތް ޕާޓީއެއް ކަމަކަށް އެ ބޭފުޅުން ދޮގެއް ނުކުރައްވަ އެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް ހުށަހަޅާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.

މި ޕާޓީ އުފެއްދުމަށްޓަކައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ވަނީ މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަކިވެފަ އެވެ.