ފިނިޕޭޖް

ބިޔޯންސޭ އާއި ޖޭޒީ 200 މިލިއަނަށް ގެއެއް ގަނެފި

ބިޔޯންސޭ އާއި ފިރިމީހާ ޖޭޒީ އަކީ ލަވަ ކިޔުންތެރިންގެ އިތުރުން މަހުޖަނުންނެވެ. އަދި ބޮޑެތި ހަރަދުތައް ކުރުމަށް ފަސް ނުޖެހޭ ބައެކެވެ.

ގޮތުން މިފަހަރު މި ދެމަފިރިން 200 މިލިއަން ޑޮލަރަށް މަލީބޫއިން ގެއެއް ގަނެ، ކެލިފޯނިއާ ސްޓޭޓްގެ އެންމެ އަގުބޮޑު ގެ ގަތުމުގެ ރިކޯޑް މުގުރާލައިފި އެވެ. އަދި މިއީ މުޅި އެމެރިކާގައި ދެވަނައަށް އެންމެ އަގު ބޮޑު ގެއެވެ.

އެމެރިކާގެ އެންމެ އަގު ބޮޑު ގެ ގަނެފައިވަނީ ސިޓަޑެލްގެ ފައުންޑާ އަދި ސީއީއޯ ކެނެތް ގްރިފިން އެވެ. އޭނާ ވަނީ 2019 ގައި 238 މިލިއަން ޑޮލަރަށް ނިއު ޔޯކްގެ އިމާރާތެއްގެ ޕެންޓްހައުސް ގަނެފަ އެވެ. މިހާރު ތިންވަނައިގައި އުޅެނީ ނެޓްސްކޭޕްގެ ކޯ-ފައުންޑާ މާކް އަންޑްރެސެން އެވެ. އޭނާ ވަނީ 2021 ގައި މަލީބޫއިން 177 މިލިއަނަށް ގެއެއް ގަނެފަ އެވެ.

ބިޔޯންސޭ އަދި ޖޭޒީ ލިސްޓުގެ ދެވަނަ އަށް އެރުމުން، ކުރިން ތިންވަނައިގައި ހުރި އެމެޒޯންގެ ފައުންޑާ ޖެފް ބޭޒޮސް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ.

ބިޔޯންސޭ އާއި ޖޭޒީގެ މި އާ ގެއަކީ ބިލް ބެލް ޖޫނިއާ ވިއްކާލި ގެއެކެވެ. މި ގެ ނިންމުމަށް 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވެ އެވެ. ގޮނޑުދޮށް ކައިރީގައިވާ މި ގެއަކީ އާކިޓެކްޓް ޓަޑާއޯ އެންޑޯ ޑިޒައިންކޮށްފައިވާ ގެއެކެވެ.

މި ދެމަފިރިންގެ ގެ ތަކުގެ ތެރޭގައި ނިއު ޔޯކްގެ މޭންހަޓަންގައި ހުރި ގެއަކާއި ލޮސް އެންޖަލަސްގެ ބެލް އެއާ ހިސާބުގެ ގެއަކާއި ނިއު އޯލިއަންސްގެ ގެއެއްވެސް ހިމެނެ އެވެ.