އެމްއެމްޕީއާރްސީ

ބޯޑު މެމްބަރުންގެ ސޮއި ފޯޖުކޮށްގެން ޒިޔަތައް ބާރުތަކެއް ދީފަވޭ: އޮޑިޓް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ހިންގި ކޮރަޕްޝަންތަކު ތެރެއިން ބޯޑު މެންބަރުންގެ ސޮއި ފޯޖްކޮށްގެން ވަގު ލިޔުންތަކެއް ހަދައި ޒިޔަތައް ބާރުތަކެއް ދީފައިވާކަން އޮޑިޓް އޮފީހުން އެކުލަވާލި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ރައީސް އަބްދު ﷲ ޔާމިން އެދުމުގެ މަތިން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން އެކުލަވާލާ މިއަދު އާންމު ކުރި ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިއުޝަންތަކުގެ ނަމުގައި ބައެއް ކަންކަމާ ގުޅިގެން ސައްހަ ނޫން ރިޒޮލިއުޝަން ހަދާފައިވާކަމަށް ބެލެވޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިލިޔެކިއުންތައް ހަދާފައި ވަނީ ބޯޑު މެންބަރުންގެ ސޮއި ފޯރޖްކޮށްގެން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އޭގެ ތެރެއިން ހުރިހާ ރިޒޮލިއުޝަން އަކީ ވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، އަބްދުﷲ ޒިޔަތަށް ބާރުތަކެއް ދިނުމަށް ހަދާފައިވާ ވަގު ރިޒޮލިއުޝަން ތަކެއް ކަމަށް ވެސް އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ. 

ވަގު ރިޒޮލިއުޝަންތަކުގެ ހުލާސާ

  • އެމްއެމްޕީއާރސީން ބޭރު ފައިސާ ގަނެ ވިއްކުން ކުރިއަށްގެންދިއުން
  • ފަޅުތަކާއި ރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހިންގާ ހުރިހާ މުއާމަލާތެއް ކުރުމުގެ ބާރު މެނޭޖިން ޑިރެކްޓަރަށް ދިނުން
  • ބަޑިބޭހުގެ ކުޅިވަރު ވިޔަފާރީގެ އުސޫލުން އަމިއްލަ ފަރާތްތަކަށް ދިނުމުގެ މަސައްކަތް ކުރުން

"މަތީގައިވާ ކަންކަމާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރެވިފައި ނުވާކަމާއި އެ ލިޔުންތަކުގައިވާ ސޮއިތަކަކީ އަސްލު ސޮއިތަކެއް ނޫންކަން، އެ ސޮއިތައް ނިސްބަތްވާ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންވަނީ މި އޮފީހަށް ކަށަވަރުކޮށްދީފައެވެ،" ރިޕޯޓްގައިވެ އެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ކޮށްފައި ވަނީ 12 ނުވެމްބަރު 2013 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތަކާ ހަމަޔަށް އެމްއެމްޕީއާރްސީ އިން ހިންގާފައިވާ މާލީ މުއާމަލާތްތައްކުގެ މައްޗަށެވެ. މި ރިޕޯޓުގައި އެމްއެމްޕީއާރްސީ އިން 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.