ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން އިންޑިއާގެ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ 61 ރަށުގެ ތެރޭގައި ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫ ހިމެނޭއިރު އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންއާ ސުވާލު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފައިސާ ހަމަޖެހުމުން މަސައްކަތް ފެށޭނެ ކަމަށެވެ.
"މިކަމާ ގުޅޭ ގޮތުން ސަރުކާރުން ކުރަންވީ ކަންކަން މިހާރު ވަނީ ގާތްގަނޑަކަށް ކޮށް ނިންމާފަ. އެހެންވީމަ ފައިނޭންސްގެ ކަންތައް ހަމަޖެހުމަށް ހިނގާ ވަގުތު މިހާރު މި ކުރިއަށްދަނީ. އެކަންކަން ހަމަޖެހުމާއެކު ވީހާވެސް އަވަހަކަށް ފަށާ ގޮތަށް އޮތީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެގްޒިމް ބޭންކުން ފައިސާ ހަމަޖެހޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. ނަމަވެސް ވީހާވެސް އަވަހަށް އެކަން ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުނެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ޕްރޮޖެކްޓަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ ބައި މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހު ދައްކާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ޕަސަންޓް ދެއްކުމުން 15 ދުވަސް ތެރޭގައި މަސައްކަތް ފެށުމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އެއަށްވުރެ ފަސްވެގެން ގޮސްފައިވާ ކަމަށެވެ.