ސިފައިންގެ އަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރެއްވި ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް މަތީން އަހުމަދު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
ބްރިގޭޑިއާ ޖެނެރަލް މަތީން ރިޓަޔާ ކުރުމަށްޓަކައި ބަންޑާރަކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ އެވެ.
ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޓީފުޅާއި މެޑަލް ބޯޑު ބްރިގޭޑިއާ ޖެނެރަލް މަތީންއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ބްރިގޭޑިއާ ޖެނެރަލް މަތީން ސިފައިންގެ ހިދުމަތާއި ގުޅުނީ ޖުލައި އެކެއް، 1987 ވަނަ ދުވަހު އެވެ.
މަތީން ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އިސް ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގަ އެވެ.
މީގެ އިތުރުން މަތީން ވަނީ މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަގާމާއި އޯޑިނެންސް ސާވިސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރުގެ މަގާމާއި ކޮމާންޑިން އޮފިސަރުގެ އެހީތެރިއާގެ މަގާމުގެ އިތުރުން ލ. ކައްދޫގެ ބޭސް ކޮމާންޑަރުގެ މަގާމު ފުރުއްވާފަ އެވެ.
ޑިފެންސް މިނިސްޓްރީގެ ނޭޝަނަލް ސެކިއުރިޓީ ޕްރޮޓޮކޯލް އޮފިސަރުގެ މަގާމާއި އެ މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަގާމު ފުރުއްވި މަތީން ވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.