ދާންދޫ

ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ ފިލި މީހާ ހޯދައިފި އެވެ.

ފުލުހުން މީގެކުޑައިރުކޮޅެއް ބުނީ ފިލައިގެން އުޅުނު 49 އަހަރުގެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހޯދި ތަނެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ރޭގެ ވަގުތެއްގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

މި މީހާ ފިލިކަން ފުލުހުންނަށް އެނގުނީ ގއ. ވިލިގިއްޔަށް ގެންދަން ވެގެން ބެލިއިރު ޕޮލިސް ސްޓޭޝަންގައި ނެތުމުން ރޭ މެންދަމު 12:57 ހާއިރު އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ފުލުހުންގެ އިދާރާ އިން ފިލި މީހާ އަކީ ރަށުތެރޭގައި އަބަދުވެސް ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށެވެ.

"އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ނަމަ މި މީހާ ޕޮލިސް ސްޓޭޝަނުން މި ފިލީ ދެވަނަ ފަހަރު. ދާންދޫ މިއީ ގއ. އަތޮޅުގެ އާބާދީގެ ގޮތުން ދެވަނަ. އެކަމަކު މިރަށުގައި މި ތިބެނީ ދެ ފުލުހުން. ކިހިނެއްތޯ ރަށުތެރެ ބަލަހައްޓާނީ،" އޭނާ ބުންޏެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކުވެސް މިމަހުގެ ފަސްވަނަ ދުވަހު ފިލި އެވެ. ނަމަވެސް ފުލުހުންގެ ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު މިމަހުގެ ހަވަނަ ދުވަހު އޭނާ ހޯދާފައިވެ އެެވެ.